ހއ. ދިއްދޫގައި ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި އެއާޕޯޓެއް ނޭޅޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔަސީ ޕްރައިމަރީގެ ކެމްޕޭނުގައި ދިއްދޫއަށް މިއަދު ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ދިއްދޫގައި މިހާރު ހިންގުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ބިން ހިއްކުމުގެ މަޝްރޫގެ ތެރެއިން އެ ސަރަހައްދުގައި އެއާޕޯޓެއް އެޅުމުގެ ވާހަކައަކީ ނުދެއްކޭނެ ވާހަކައެއް ނޫން ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ދިއްދޫއަށް އަދި ޒިޔާރަތްކުރައްވާނެ ކަމަށާއި އެރަށުގެ ރައްޔިތުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
"މެނިފެސްޓޯއެއް އެކުލަވާލާނަން. ތިޔަބޭފުޅުންނާ މަޝްވަރާ ކުރާނަން. އޭގައި [މެނިފެސްޓޯގައި] މިރަށުގެ އެއާޕޯޓް ނުހިމަނަންވީ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ދިއްދޫގެ ބިން ހިއްކާ ނިމުމުން އެރަށުގައި އެޅުމަށް ވައުދުވެފައިވާ ޓާޝަރީީ ހޮސްޕިޓަލުގެ މަސައްކަތް ފެށިގެން ދާނެ ކަމުގަައިވެސް ރައީސް ވިދާޅުވި އެވެ.
ހއ. އަތޮޅުގެ ރަށްތަކާއި އަދި އެހެން ބައެއް ރަށްރަށުގެ ބިން ހިއްކުމަށް ބޭރުގެ ކުންފުންޏަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށާއި މިދައުރު ނިމުމުގެ ކުރިން އެމަސައްކަތް ނިމޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވެވި އެވެ. އަދި ބިން ހިއްކާ ރަށްރަށުގެ ތެރޭގައި ދިއްދޫގެ ނަން އޮންނާނެ ކަމުގައި ވިދާޅުވި އެވެ.
ހއ. ދިއްދޫގައި އެއާޕޯޓެއް އެޅިދާނެ ކަމުގެ އިޝާރާތެއް ރައީސް ސޯލިހް ކުރެއްވިއިރު ހއ. އަތޮޅު ހޯރަފުށީގައި މިވަގުތު އެއާޕޯޓެއް ހިންގަމުންދެ އެވެ. ވެރިކަން ލިބިވަޑައިގެންފިނަމަ ދިއްދޫގައި އެއާޕޯޓެއް އަޅާނެ ކަމުގައި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ވެސް ވިދާޅުވެފައިވެ އެވެ.
ޕްރައިމަރީގެ ކެމްޕޭން ރައީސް ސޯލިހް ފެއްޓެވީ ރ. އަލިފުށިންނެވެ.
ކެމްޕޭންގައި ރައީސް ސޯލިހް ވަނީ ރ. އަތޮޅާއި ނ. އަތޮޅާއި ޅ. އަތޮޅުގެ އިތުރުން ބ. އަތޮޅާއި އައްޑޫއަށް ޒިޔާރަތްކުރައްވާފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.