ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭވެހި މާލޭގެ ބޮޑު ބައެއްގައި ފެންބޮޑުވެއްޖެ އެވެ.
ރޭ ފަތިހުން ފެށިގެން ވެހެމުންދިޔަ ވާރޭގައި އެންމެ ބޮޑަށް ފެން ބޮޑުވީ މާލޭގެ މާފަންނުކޮޅު -- އައިޖީއެމްއެޗާ ދިމާލުގަ އެވެ.
މިސަރުކާރުގައި ތާރުއަޅައިގެން ހެދި އަމީނީ މަގުގައިވެސް މިއަދު ވަރަށް ބޮޑަށް ފެންބޮޑުވި އެވެ. ބައެއް ސަރަހައްދުތަކުގައި ފޫޓަކަށް ވުރެ މައްޗަށް ފެން ހެދިފައިވެ އެވެ.
މާލޭގައި ފެންބޮޑުވި ސަރަހައްދުތަކުގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އަދިވެސް ބައެއް ސަރަހައްދުތަކުގައި ފެން ނުހިނދެ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުން ސަމާލުވެގެން ނޫނީ ދަތުރުތައް ނުފެށުމަށް ކަމާ ގުޅޭ އިދާރާތަކުން ވެސް ގެންދަނީ އިލްތިމާސް ކުރަމުންނެވެ.