މާލޭގެ އެކި ސަރަޙައްދު ތަކުގައި ހިތްފަސޭހަ މައިޒާންތައް ތަރައްގީކުރަން ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލުން މި މައިޒާންތައް ހަދަނީ ކައުންސިލްގެ މިދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ "ހިތްފަސޭހަ މަގުމަތި" އަދި "ޗާލު މާލެސިޓީ" އަމާޒަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.
މި މަސައްކަތުގެ ތެރެއިން މަޖީދީމަގާއި ފަނޑިޔާރު މަގާ ގުޅޭ ކަންމަތީގައި މާލެ ސިޓީ ކައުންސިލުން ތަރައްގީކުރި ބުރުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފަ އެވެ.
މީގެ އިތުރުން އެހެން ބައެއް ސަރަޙައްދުތަކުގައި މިފަދަ މައިޒާންތަކެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ކައުންސިލުން އިތުރަށް ބުނީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި މާލެ ސިޓީގައިވާ މިފަދަ ބިނާތަކާއި މައިޒާންތައް ވަނީ އަޅާނުލެވި ވީރާނާވާން ދޫކޮށްލާފައި ކަމަށެވެ. އެހެންނަމަވެސް ކައުންސިލްގެ މިދައުރުގައި މާލޭގެ ޕާކުތަކާއި މައިޒާންތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
ބަޖެޓްގެ ދަތިކަމާއިއެކުވެސް މިސްކިތްތަކާއި، އާންމު ތަންތަނާއި، ޕާކު މައިޒާންތައް އާބާތުރަ ފިލުވާ، އިތުރު ހިތްފަސޭހަ މައިޒާންތަކެއް ތަރައްގީކުރުމުގެ މަސައްކަތް ކައުންސިލުން ކުރާނެ ކަމަށްވެސް ބުންޏެވެ.