މާލޭ ސިޓީ

މަގުމައްޗަށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފޮނުވަން އެދިއްޖެ

މާލޭގެ މަގުމައްޗަށް ކުނި އަޅާ މީހުންގެ ފޮޓޯ އަދި ވީޑިއޯ ފޮނުވައިދޭން މާލޭ ސިޓީ ކައުންސިލުން އެދިއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުން މިކަމަށް އެދިފައި މިވަނީ މާލޭގެ މަގުމައްޗަށް ކުނި އެޅުން ވަރަށް ބޮޑަށް ގިނަވެފައިވަނިކޮށެވެ.

މަގު މައްޗަށް ކުނި އަޅާ މީހުންގެ ފޮޓޯ އަދި ވީޑިއޯ 9341144 ނަންބަރަށް ވައިބާ ނުވަތަ ވަޓްސްއެޕް ކުރުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ.

މީގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓްގައިވާ ޝަކުވާ ޕޯޓަލް މެދުވެރިކޮށްވެސް ކުނި އަޅާ މީހުން ރިޕޯޓް ކުރެވޭނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

މާލޭގެ މަގުމައްޗަށް ނެރޭ ކުނިތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

އެގޮތުން ބުރާސްފަތި ދުވަހާއި އެރޭ އެކަނިވެސް 30.4 ޓަނުގެ ކުނި ވަނީ ނަގާފަ އެވެ.

މީގެ އިތުރުން މަގުމައްޗަށް ކުނި އަޅާ މީހުން ދަނީ ޖޫރިމަނާ ކުރަމުންނެވެ.