އުކާލެވޭ ކުނީގެ ތެރޭގައި ހިމެނޭ ކާބޯތަކެއްޗާއި ފަތްޕިލާވެލި ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މާހައުލާއި ގުޅޭ ރައްކާތެރި ގަސްކާނާ ތައްޔާރުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ލުއި ފަސޭހަ އަދި ހަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ގަސްކާނާ ތައްޔާރުކޮށް ފޯރުކޮށް ދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމީ އެ ކައުންސިލްގެ 88 ވަނަ ރަސްމީ އާއްމު ޖަލްސާގަ އެވެ. މިގޮތުން މާލެ ސިޓީ ކައުންސިލުން އުފައްދާ ގަސް ކާނާގެ އަގު ކަނޑައަޅާނީ އެ ކައުންސިލުގެ ވޭސްޓްމެނޭޖްމަންޓް ސެކްޝަންގެ ލަފަޔާއެކު އެވެ.
ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ މަސައްކަތްތަކާއި ހަވާލުވެގެން ހުންނެވި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވިދާޅުވީ ރާއްޖެއިން ބޭރުން ގެންނަ ކެމިކަލް އެކުލެވިގެންވާ ގަސްކާނާގެ ބަދަލުގައި މާލެ ސިޓީ ކައުންސިލުން އުފައްދާ ގަސްކާނާ ބާޒާރަށް ނެރެ ކައުންސިލަށް އިތުރު އާމްދަނީއެއް ހޯދުމަކީ މި މަސައްކަތުގެ މަގުސަދު ކަމަށެވެ.
މި މަސައްކަތާއި ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އުކާލެވޭ ކުނިން އާމްދަނީއެއް ލިބޭނެ ގޮތް ހެދުމަކީ ރަނގަޅު ވިސްނުމެއް ކަމަށެވެ.
"މި ކަމަކީ މާލެ ތެރެއިން ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާއިރު އެނެގޭ ކުނިން ކައުންސިލަށް އާމްދަނީވެސް ލިބޭނެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމުގެ ވިސްނުމުގައި ކުރަން ނިންމި ކަމެއް،" މުއިއްޒު ފާހަގަކުރެއްވި އެވެ.
ގަސްކާނާ އުފެއްދުމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަންގެ އޮޕަރޭޝަން މެނޭޖަރު ހަސަން ވަހީދު ވިދާޅުވީ މި މަސައްކަތަށް ވާންޖެހޭ ތައްޔާރީތަކެއް އެބަހުރި ކަމަށެވެ.
"މީހުން ދިރިއުޅޭ ސަރަހައްދާ ދުރު ހިސާބެއްގައި މަސައްކަތްކުރެވޭނެ ބިމެއް ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެއް. މިކަމަށް ބޭނުންވާ މުވައްޒަފުން ބޭނުންވާނެ. ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ކުރަންޖެހޭނެ،" ވަހީދު ވިދާޅުވި އެވެ.
މީގެ އިތުރުން މި އުފެއްދުމުގެ ފެންވަރު ބެލޭނެ އިންތިޒާމެއް ގާއިމުވެފައި އޮތުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ހަސަން ފާހަގަކުރެއްވި އެވެ. މިގޮތުން މިކަމާ ގުޅޭ އުސޫލެއް ވެސް ތައްޔާރުކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.