ޖޭއެސްސީ

ވަރިވާން ދިޔަ އަންހެނަކަށް މެސެޖުކޮށް ގުޅި ގާޒީގެ ސަސްޕެންޝަން އިތުރުކޮށްފި

ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދި ކަމުގެ ތުހުމަތު އޮތް އެ ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ ސަސްޕެންޝަން އިތުރުކޮށްފި އެވެ.

މި މައްސަލަ އާއި ގުޅިގެން މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުން ފެށިގެން އިސްމެޖިސްޓްރޭޓް އަލީ އާދަމް ހުރީ ސަސްޕެންޑްކޮށްފަ އެވެ.

ޖޭއެސްސީ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި މައްސަލައިގެ ބާވަތަށާއި ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކޮމިޝަނުން ވަކިގޮތެއް އަންގަން ދެން މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަލުން ސަސްޕެންޝަން އިތުރުކޮށްފައިވާ ކަމަށެވެ.

އަލީ އާދަމް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް މި އަހަރު ޖުލައި 12 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 46 ވަނަ ޖަލްސާގައި ވަނީ ނިންމާފަ އެވެ.

އަލީ އާދަމް ކުރިންވެސް ހުންނެވީ އެކޮމިޝަނުން ބަލަމުންދާ މިބާވަތުގެ އެހެން މައްސަލައަކާ ގުޅިގެން މިއަހަރު މޭ 25 ވަނަ ދުވަހުން ފެށިގެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގާ ސަސްޕެންޑްކޮށްފަ އެވެ.

މީގެ ތެރޭގައި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާ ގުޅޭ މައްސަލައަކާއި، ތަފްރީގް ކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިން ކަމަށް ބުނާ މައްސަލައަކާއި އަމިއްލަ ޖަމިއްޔާއެއް އުފައްދައި ހަރަކާތްތެރިވި މައްސަލައެއް ވެސް ހިމެނެ އެވެ.

ގާޒީންގެ ސުލޫކީ މައްސަލަތައް ކޮމިޝަނަށް ހުށަހެޅުން އިތުރުވެފައިވާއިރު ގާޒީންނަށް އެކި ފިޔަވަޅުތައް އެޅުންވެސް ވަނީ އިތުރުވެފަ އެވެ.