ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމުގައި ސޮއިކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އިދިކޮޅު ޕީޕީއެމް އިން ހުށަހަޅާފައިވާތީ އެކަން ހަމަޖައްސައިދޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަ އިން ބުނެފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރެން ނިންމާފައިވަނީ ރައީސް ޔާމީނެވެ. އެހެންކަމުން އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު ފުރިހަމަކުރުމަށް ބޭނުންވާ ސޮއި ލިބޭނެ ގޮތެއް ހަަދައިދިނުމަށް އެދި ޕީޕީއެމް އިން ވަނީ ކަރެކްޝަނަލް ސާވިސަށް ސިޓީއެއް ފޮނުވާފަ އެވެ.
ސިޓީގައި އެދިފައިވާ ގޮތަށް އިންތިޒާމުތަކެއް ހަމަޖެހި ރައީސް ޔާމީނަށް އެ ފޯމުގައި ސޮއި ކުރެވޭނެ ގޮތެއް ރޭވިގެންދާނެ ކަމަށް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވި އެވެ.
ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް އެމަނިކުފާނުގެ ވަކީލުން އިއްޔެ ވަނީ މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް އެކަމަށް ކަރެކްޝަންސް އިން ހުރަސްއެޅި ކަމަށް ވަކީލުން ވިދާޅުވެ އެވެ. އެކަމަކު ކަރެކްޝަންސް އިން އެ ވާހަކަ ދޮގުކުރެ އެވެ.
ކަރެކްޝަންސް އިން ބުނީ ރައީސް ޔާމީންގެ ވަކީލުންނަށް އެމަނިކުފާނާ ބައްދަލުކުރެވޭ ގޮތް ނުވީ އާންމު އުސޫލުން ބަލައި ފާސްކުރުމުގައި އޮންނަ އުސޫލުން އެކަން ކުރަން ވަކީލުން އެއްބާރުލުން ނުދެއްވުމުން ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތަކެއް ސާބިތުވުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ. މިހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.
ރައީސް ޔާމީންގެ އިންތިހާބީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ބުނެ އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް އެކޯޓުން އިއްޔެ ވަނީ ބޭރުކޮށްލާފަ އެވެ.