ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ޕީޕީއެމްގެ މެންބަރުންނާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިރޭ ޕީޕީއެމްގެ ބައެއް އާންމު މެންބަރުންނާ ބައްދަލުކުރައްވައިފި އެވެ.

މިއީ އެމަނިކުފާނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމަށްފަހު ބައްދަލުވުމަކަށް ވަޑައިގެން ޕީޕީއެމްގެ އާންމު މެންބަރުންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

މިބައްދަލުވުން މިރޭ ކުރިއަށް ގެންދިޔައީ އާޓިފިޝަލް ބީޗް ކުރިމައްޗަށްވާ ގޮތަށް ހުންނަ ޕީޕީއެމްގެ މައި އޮފީހުގައެވެ.

ރައީސް ޔާމީން ބޭއްވެވި މިބައްދަލުވުމުގެ މަންޒަރުތައް ޗެނަލް 13 އިން ވަނީ ވަގުތު ދުރަށް ދައްކާފަ އެވެ. ނަމަވެސް ބައްދަލުވުމުގެ އަޑު ވަނީ ކަނޑާލާފަ އެވެ.

ޕީޕީއެމް އިން އިންތިޒާމު ކުރާ ބޮޑު ޖަލްސާއެއްގައި ވަރަށް އަވަހަށް ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް މިބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވި ކަމަށް ޗެނަލް 13 އިން ރިޕޯޓްކޮށްފައިވެ އެވެ.

މިބައްދަލުވުމަކީ ނުރަސްމީ ބައްދަލުވުމަކަށްވަތީ މީޑިއާއަށް މިބައްދަލުވުމަށް ދައުވަތު ދީފައެއް ނުވެ އެވެ.

ރައީސް ޔާމީން ޕީޕީއެމްގެ އާންމު މެންބަރުންނާ ބައްދަލުކުރައްވާފައި މިވަނީ އެމަނިކުފާނުގެ ޖަލު ބަންދަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ލުއި ދީފައި ވަނިކޮށެވެ.

އަވަސް އެނގިފައިވާ ގޮތުގައި ކަރެކްޝަނުން ދިން ލުޔާ ގުޅިގެން ރައީސް ޔާމީނަށް މާލެ ސަރަހައްދުގައި -- މާލެ، ހުޅުމާލެ، ވިލިމާލޭގައި އާންމުންނާ ބައްދަލުކޮށް ޖަލްސާތަކަށް ދެވޭނެ އެވެ. ނަމަވެސް މީޑިއާއާ ބައްދަލުކުރުމުގެ ހުއްދަ ނެތް ކަމަށް އެނގިފައިވެ އެވެ.

އެކަމަކު އަވަސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ ރައީސް ޔާމީނަށް ލުއި ދިނީ ހަމައެކަނި ސިއްހީ ފަރުވާގެ ކަންކަމުގައި އެ އިދާރާގެ ހުއްދަ ހޯދުމަށްފަހު ބޭރަށް ވަޑައިގަތުމަށް ކަމަށެވެ. ނަމަވެސް އަވަސް އަށް އިތުބާރު ހުރި ފަރާތަކުން އެނގިފައިވާ ގޮތުގައި "މުހިއްމު ކަންކަމުގައިވެސް" ބޭރަށް ވަޑައިގަތުމުގެ ހުއްދަ ރައީސް ޔާމީނަށް ވަނީ ދެއްވާފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދީގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ.

އެ ދުވަހުން ފެށިގެން މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ރައީސް ޔާމީން ހުންނެވީ ޖަލު ބަންދުގައެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާއި ގުޅިގެންނާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށް ރައީސް ސޯލިހް ވަނީ މިމަހުގެ އެއްވަނަ ދުވަހު ރައީސް ޔާމީން ގެއަށް ބަދަލުކުރައްވާފަ އެވެ.

ރައީސް ޔާމީން ޖަލު ހުކުމް ތަންފީޒުކުރަމުންދާ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު މައްސަލަ އޮތީ ނިމުމަކާ ހަމައިގައެވެ. ނަމަވެސް މައްސަލަ އެކަށީގެންވާ ގޮތަކަށް ކުރިއަކަށް ނުދެ އެވެ. މިވަގުތުވެސް އިސްތިއުނާފް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމާ ގުޅިގެން މައްސަލަ ވަނީ ހުއްޓިފަ އެވެ.