ރައީސް އަބްދުﷲ ޔާމީން

ކެންޑިޑެސީ ފޯމުގައި ޔާމީން ސޮއިކުރައްވައިފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ހުށަހަޅަންޖެހޭ ކެންޑިޑެސީ ފޯމުގައި މިއަދު ސޮއިކުރައްވައިފި އެވެ.

ޕީޕީއެމްގެ އިސް އޮފިޝަލަކު އަވަސް އަށް ވިދާޅުވީ ކެންޑިޑެސީ ފޯމުގައި ޔާމީން ސޮއިކުރެއްވުމާ އެކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް އެ ލިޔުންތައް ޕީޕީއެމްގެ އޮފީހަށް ލިބިފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ރައީސް ޔާމީން ވަނީ ކެމްޕޭން މެނޭޖަރާއި އެޖެންޓް ވެސް ކަނޑައަޅުއްވާފަ އެވެ.

ރައީސް ޔާމީން އިންތިހާބުގައި ވާދަކުރެއްވުމަށް ތައްޔާރުވަމުން ދިޔަ ނަމަވެސް އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނީ މިވަގުތު ތަންފީޒުކުރައްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓު ނުވަތަ ސުޕްރީމް ކޯޓުން ބާތިލްކޮށްގެންނެވެ.

ޔާމީންގެ އިންތިހާބީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ބުނެ އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް އެކޯޓުން އިއްޔެ ބޭރުކޮށްލާފައިވާތީ ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު މިހާރު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.