ދުނިޔެ

ޔުކްރޭންގެ ހަނގުރާމަމަތީ ޓޭންކްތައް ހިންގަނީ ރަޝިއާގެ ތެލުން: ރިޕޯޓް

ރަޝިއާ، ޔުކްރޭން ހަނގުރަމާގައި -- ރަޝިއާގެ ފައުޖުތަކަށް ހަމަލާދޭން ބޭނުންކުރާ ޔުކްރޭންގެ ޓޭންކްތައް ދުއްވަނީ ރަޝިއާގެ ތެލުން ކަމަށް ޖަރުމަންގެ ނޫސްތަކުން ބުނެފި އެވެ.

ހަނގުރާމައިގެ ސަބަބުން ޔުކްރޭންގެ ހާލަތު ވަރަށް ދަށްވެެފައިވާއިރު -- ޔުކްރޭނަށް ބޭނުންވާ މައިގަނޑު ހުރިހާ އެއްޗެއްހެން މިހާރު ބޭނުންކުރަނީ އެހެން ގައުމުތަކުން އިންޕޯޓްކޮށްގެންނެވެ.

މިގޮތުން ހަނގުރާމާގައި ބޭނުންކުރާ އުޅަނދުތައް -- ޓޭންކްތަކާއި ކަރަންޓް އުފައްދާ ޖެނަރޭޓަރުތައް ފަދަ އާލާތްތައް ހިންގަން ޔުކްރޭނުން މިހާރު ބޭނުންކުރަނީ ހަންގޭރިއަށާއި ތުރުކީއަށް، ރަޝިއާއިން ސަޕްލައިކުރާ ތެޔޮ ކަމަށް ނޫސްތަކުން ބުނެ އެވެ.

ރަޝިއާ އިން ސާފުނުކުރާ ތެޔޮ ހަންގޭރިއަށާއި ތުރުކީއަށް ސަޕްލައިކުރަނީ ހެޔޮ އަގުގަ އެވެ. އަދި އެ ގައުމުތަކުގައި ސާފުކުރުމަށް ފަހު އެހެން ގައުމުތަކަށް ވިއްކަނީ ފައިދާ ލާފަ އެވެ. މި އުސޫލުން ޔުކްރޭނަށް ވެސް ތެޔޮ ސަޕްލައިކުރަނީ އެވެ.

ޔުކްރޭން ހަނގުރާމަ މީގެ ދޮޅު އަހަރު ކުރިން ފެށުނު ފަހުން ހަންގޭރީން ޔުކްރޭނަށް ވިއްކާ ތެލުގެ އަދަދު ދެގުނު އިތުރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔުކްރޭނަށް ބޭނުންވާ ތެޔޮ އުފެއްދުން އެ ގައުމަށް ކުރެވެން ނެތުމުން މިހާރު އޮތް ގޮތަކީ ބޭރު ގައުމުތަކަށް ބަރޯސާކުރުމެވެ.

މިހެން ކަން އޮތުމުން ހަނގުރާމާގައި ބޭނުންކުރާ ގިނަ ވަސީލަތްތަކުގައި ރަޝިއާގެ ތެޔޮ ނޫން ތެލެއް ބޭނުން ނުކުރެވޭނެ ކަމަށް ވެއެވެ.

ހަންގޭރީ އަކީ ވެސް ޔޫރަޕިއަން ޔޫނިއަންގެ މެމްބަރެކެވެ. މިހެންކަމުން ރަޝިއާއާ ދެކޮޅަށް ޔޫރަޕުން އަޅާފައި އޮންނަ ދަތިރުކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ހަންގޭރީ ވެސް ބައިވެރިވާން ޖެހެ އެވެ. ނަމަވެސް، ހަންގޭރިއަށް އޮންނަ ޚާއްސަ މަދަދެއްގެ ގޮތުގައި ރަޝިއާއިން ތެޔޮ އެތެރެކުރުން ޔުރަޕިއަން ޔޫނިއަނުން އޮންނަނީ ހުއްދަކޮށްފަ އެވެ.

ޔޫރަޕިއަން ޔޫނިއަނުން ހަންގޭރީއަށް ދީފައި އޮންނަ މި އިނާޔަތުގެ ސަބަބުން -- ޔޫރަޕްގެ އެހެން ގައުމުތަކަށް ވުރެ ހެޔޮ އަގުގައި ޔުކްރޭނަށް ތެޔޮ ވިއްކެ އެވެ.

ޔުކްރޭނަށް ބޭނުންވާ ތެޔޮ ބޭރު ގައުމުތަކުން އެތެރެކުރަން ޖެހެނީ ތެޔޮ ސާފުކުރާ ކާރުޚާނާތައް -- ރަޝިއާގެ ހަމަމާތަކުގައި ހަލާކުވެފައި ހުރުމުގެ ސަބަބުންނެވެ.

ޔުކްރޭނަކީ އަމިއްލައަށް ތެޔޮ ސާފުކޮށް އުޅުނު ގައުމެކެވެ. އެ ގައުމަށް ބޭނުންވާ ސާފުނުކުރާ ތެޔޮ ހަނގުރާމައިގެ ކުރިން އަޒަރުބައިޖާނުން ވެސް އެތެރެކުރި އެވެ.