ދުނިޔެ

ޔުކްރޭނަށް ފޮނުވި އަގުބޮޑު ހަތިޔާރުތަކެއް ވަނީ ވަގަށް ނަގާފައި

އެމެރިކާއިން ޔުކްރޭނަށް ފޮނުވި އަގު ބޮޑު ހަތިޔާރު ތަކެއް ގެއްލިފައިވާ ކަމަށް އެ ގައުމުގެ ދިފާއީ ވުޒާރާގެ ރިޕޯޓަކުން ކަށަވަރުވެއްޖެ އެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުން އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ އަގެއް ކަނޑައެޅިފައި ހުރި ހަތިޔާރުތައް ދިޔަ ތަނެއް -- ހަވާލުކުރެވުނު އިދާރާއެއް ޕެންޓަގަނަށް ވެސް ނޭނގެ އެވެ.

ޔުކްރޭނަށް ފޮނުވަން އެމެރިކާއިން ކަނޑައެޅި ހަތިޔާރުތައް އަދަދު ކުރި ނަމަވެސް، ހަތިޔާރު ދިން ކަމަށް ދައްކާނެ ރެކޯޑެއް ޕެންޓަގަންއަށް ލިބިފައި ނުވާ ކަމަށްވެސް ދިފާއީ ވުޒާރާގެ ރިޕޯޓްގައި ބުނެފައިވެ އެވެ.

ހަތިޔާރުގެ ގޮތުން އަދަދުކުރާނަމަ ގެއްލިފައިވަނީ 40،000 ހަތިޔާރު ކަމަށް ޕެންޓަގަންގެ އިސްޕެކްޓަރު ވިދާޅުވި އެވެ. އެއީ ފައިސާއިން އަދަދުކުރާ ނަމަ އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ކަމަށް ވިދާޅުވި އެވެ.

ޔުކްރޭނަށް ފޮނުވި ހަތިޔާރުތައް އެ ގައުމަށް ފޮނުވި ގޮތް ބެލެހެއްޓޭނެ ގޮތްތަކެއް ޕެންޓަގަންގައި ރޭވި ކަމަށްވެސް ދިފާއީ ވުޒާރާގެ ރިޕޯޓްގައި ބުނެފައިވެ އެވެ. އެހެންނަމަވެސް ޕެންޓަގަންގެ ރެކޯޑްތަކަށް ނާރާ ކިތަންމެ ހަތިޔާރެއް ގެއްލިފައިވާ ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.

އެމެރިކާ ސަރުކާރުން ޔުކްރޭނަށް ހަތިޔާރު ފޮނުވުމުގައި އަވަސް އަރުވާލާފައި އޮތް ވަރުން އެކި ފަހަރު ހަތިޔާރު ފޮނުވާފައި ވަނީ އެކި މަގުތަކުން ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.

ގައުމުތަކުން ޔުކްރޭނަށް ފޮނުވާ ހަތިޔާރާއި މާލީ ގޮތުން ދޭ އެހީ ވަންނަ ތަނެއް ނޭނގި ގެއްލޭ ކަމަށް ބުނެ މީގެ ކުރިން ވެސް މީޑިއާގައި ވާހަކަ ދެކެވުނެވެ. އެމެރިކާއިން ޔުކްރޭނަށް ފޮނުވި ހަތިޔާރުތައް މެދުއިރުމައްޗަށް ފޯރާފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

އިންޓަނެޓްގައި މިފަދަ ހަބަރުތައް ފެތުރެން ފެށުމުން ޕެންޓަގަނުން މިފަދަ ހަބަރުތައް މީގެ ކުރިން ދޮގުކުރި އެވެ. އޭރު ޕެންޓަގަނުން ބުނީ ޔުކްރޭނަށް ހަތިޔާރު ފޮނުވަނީ ވަރަށް ރަނގަޅަށް އޮޑިކޮށްފައި ކަމަށާއި ވަޒަނެއްހާ ހިސާބުވެސް ގެއްލިގެން ނުދާ ވަރަށް ހިސާބުކިތާބު ބަލަހައްޓާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާ އިން ޔުކްރޭނަށް ފޮނުވި ބައެއް ހަތިޔާރު -- އީރާނާއި ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގުރުޕްތަކަށް ވެސް ވަނީ ފޯރާފަ އެވެ. އަދި މިފަދަ ހަތިޔާރުތައް އެމެރިކާއާ ދެކޮޅަށް ބޭނުންކުރުމަކީ ނުރައްކާ ބޮޑު ކަމަކަށް ވާނެ ކަމަށްވެސް އޮފިޝަލުން ބުންޏެވެ.