ރަޝިއާއާ ދެކޮޅަށް ބޭނުންކުރަން ޖަރުމަނުން ޔުކްރޭނަށް ދިން ގިނަ ލެޕާޑް ޓޭންކްތައް (މެޝިންބަޑިތައް) ހުރީ ބޭނުން ނުކުރެވޭ ހާލުގައި ކަމަށް ޖަރުމަނުގެ ގާނޫންހަދާ މަޖިލީހުގެ މެމްބަރު، ސެބާސްޓިއަން ޝެފާ ވިދާޅުވެއްޖެ އެވެ.
ސެބާސްޓިއަން ޝެފާ ވިދާޅުވި ގޮތުގައި ބޭނުންކުރެވޭ ހާލުގައި ހުރި ވަރަށް މަދު ބަޑިއެކެވެ.
މެޝިން ބަޑިތައް މަރާމާތުކުރާ ގޮތެއް ނެތުމުން ހަނގުރާމައިގެ މައިދާނަށް ދޫކޮށް ނޫން ގޮތެއް ޔުކްރޭނަށް ނެތް ކަމަށް ވެސް މަޖިލީސްގެ މެމްބަރު ވިދާޅުވި އެވެ.
ރަޝިއާ ބަލިކުރުމަށްޓަކައި ޔުކްރޭންގެ އަސްކަރިއްޔާ ބާރުގަދަ ކުރުވުމަކީ ހުޅަނގުގެ ވައުދެކެވެ. ނަމަވެސް، ޔުކްރޭން ހަނގުރާމައަށް ދެ އަހަރު ފުރެން އަންނައިރު ޔުކްރޭންގެ އަސްކަރިއްޔާ އޮތީ -- ކުރިން އޮތް ހާލަތަށް ވުރެ ވެސް ނިކަމެތިކޮށެވެ.
ޔުކްރޭނަށް މިހާރު ރަޝިއާއާ ދެކޮޅަށް ހަމަލާއެއް ދެވެނީ ހުޅަނގުން އެއްޗެއް ދިނިއްޔާ އެވެ. ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކަށް ބަދަލު ހަމަލާ ދިނުމުގައި ޔުކްރޭން ފޭލިވެފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.
ޖަރުމަނު ކުރިން ގަބޫލުކުރި ގޮތުން ޔުކްރޭނަށް ލެޕާޑް ޓޭންކްތައް ފޯރުކޮށްދީފި ނަމަ ހަނގުރާމައިން މޮޅުވެވިދާނެ އެވެ. އަދި ރަޝިއާއާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހު ކްރައިމިއާ ބްރިޖް ގޮއްވާލައި ރަޝިއާ ހާސްކޮށްލެވިދާނެ އެވެ.
ޖަރުމަނު ވެސް ހިމެނޭ ގޮތުން ރަޝިއާ އަށް ހަމަލާދިނުމަށް ހުޅަނގުން ހެދި ހިސާބު އެއްގޮތަށް ވެސް ދިމައެއް ނުވި އެވެ. ހުޅަނގުން ހީކުރީ އެމެރިކާއާ ބައިވެރިންގެ އެހީތެރިކަމާ އެކު ރަޝިއާ ބަލިކޮށް ޔުކްރޭނަށް ކާމިޔާބު ހޯދައިދެވިދާނެ ކަމަށެވެ.
ނަމަވެސް، މިހާރު ފެންނަނީ ޔުކްރޭން ލައްވައި ރަޝިއާ ބަލިކުރަން ހުޅަނގުން ދުށް ހުވަފެން އަވާމެންދުރަކަށް ވާތީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭނަށް އަސްކަރީ ގޮތުން އެހީތެރިވުމަކީ ހުޅަނގަށް ބޮލުގައި ރިހުމަކަށް ވެއްޖެ އެވެ. ހަނގުރާމަ ދިގުލައިގެން ދިއުމުން ޔުކްރޭނަށް ދޭނެ ހަތިޔާރެއް، ހުޅަނގުގެ އެއްވެސް ގައުމެއްގައި މިހާރަކު ނެތެވެ.
މަސްރަހު ދިރާސާކުރާ މީހުން ބުނާ ގޮތުން ޔުކްރޭން މިހާރު ވެސް އޮތީ ބަލިވެފަ އެވެ. ގޮތް ދޫނުކުރަން ބަލި ގަބޫލުނުކުރި ނަމަވެސް، ރަޝިއާ ބަލިކުރާނެ ހިތްވަރު ޔުކްރޭންގެ ކިބާގައި ނެތް ކަމަށް ވެސް ދިރާސާކުރާ މީހުން ބުނެ އެވެ.
ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ދާދި ފަހުން ރަޝިއާގެ ތާސް ޚަބަރު އޭޖެންސީއަށް ވިދާޅުވި ގޮތުގައި ޔުކްރޭންގެ ރައީސް ޒެލެންސްކީއަށް ރަޝިއާއާ ސުލްހަވެ ވަޑައިގަންނަން ކެރިވަޑައިނުގެއް އުޅުއްވަނީ ލަދުންނެވެ.