އާބަންކޯ

ހިޔާ ޕާކް ރަސްމީކޮށް ހުޅުވައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓްތައް ކައިރީގައި ހަދާފައިވާ ހިޔާ ޕާކު މިިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

އާބަންކޯ އިން މަސައްކަތް ހަވާލުކުރުމުން މި ޕާކްގެ އަމަލީ މަސައްކަތް ކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިންނެވެ.

މިއަދު ފާހަގަކުރާ މިނިވަން ދުވަހާ ގުޅިގެން މި ޕާކް ހުޅުވީ ފޯރިގަދަ ހަރަކާތްތަކެއްގެ ތެރެއިންނެވެ. އެގޮތުން ކުޑަކުދިންނަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ހަމަޖައްސައިދީ ލައިވް މިއުޒިކް ވެސް ކުރިއަށް ގެންދިޔަ އެވެ.

މި ޕާކްގެ މަސައްކަތް ނިންމާ އެތަނުގައި ކުލައާއި ދަވާދުލީ އިރު ހިޔާ ސަރަހައްދުގައި އުޅޭ ކުދިން އެކަމުގައި ބައިވެރިކޮށް އެ ކުދިންގެ ހުނަރު ދައްކާލުމަށް ފުރުސަތު ދިނެވެ.

އާބަންކޯ އިން ބުނީ ހިޔާ ސަރަހައްދުގައި މިފަދަ ޕާކެއް ނެތުމަކީ ފްލެޓްތަކުގައި އުޅޭ މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ނަމަވެސް މިއަދު މި ޕާކް ހުޅުވުމާ އެކު އާންމުންގެ އެ ކަންބޮޑުވުމަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.