އިދިކޮޅު ޕީޕީއެމުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަރުވާފައިވާ ރިޔާސީ ޓިކެޓަށް ޗެލެންޖު ނުކުރުމަކީ މި ވަގުތު ގައުމާއި ޕާޓީއަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް މާލޭ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ތާއީދު ހޯދާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މުއިއްޒު ވާދަކުރައްވަން އުޅޭ ކަމަށް އަޑު ފެތުރިފައިވާއިރު މުއިއްޒު ރޭ ވިދާޅުވީ އެ ތުހުމަތުތަކަށް ޖަވާބު ދެއްވަން ކުރިން ނޫޅުއްވާ ކަމަށެވެ.
އެފަދަ ތުހުމަތުތަކެއް ކުރެވޭއިރު ޖަވާބެއް ނުދީ ހުރުމުން ޕާޓީގެ ބައެއް މެންބަރުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭކަން ގަބޫލުކުރައްވާ ކަމަށާއި ކޮންމެވެސް ހިސާބަކުން އެ ތުހުމަތުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ޔާމީނަށް އެރުވީ އެންމެން ބޭނުންވެގެން ކަމަށާއި ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރުމަށް އެއްބާރުލުންދޭން ޖެހޭ ކަމަށެވެ.
ޔާމީނަށް ބޭވަފާތެރިވުމުގެ ވިސްނުމެއް އެއްވެސްއިރަކު ނުގެންގުޅުއްވާ ކަމަށާއި އެމަނިކުފާނާއެކު ވަފާތެރިކަމާއެކު ދެމިހުންނާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔުާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެ ޕާޓީން ރައީސް ޔާމީނާ ހަވާލުކޮށްފައިވާއިރު ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތުގެ އަމަލުތަކެއް ހިންގެވިކަން ސާބިތުވެ ރައީސް ޔާމީން މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ދަށު ކޯޓުގެ މި ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ އެވެ.