ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފެނުނީ ކުދިންނާއި ރައީސްގެ ތަފާތު މަންޒަރެއް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މި ފޮޓޯތައް ތަފާތުވެފައި ހިތްގައިމެވެ. ފޮޓޯ އިން ފެންނަ ގައުމީވަންތަކަމާއި އުފާވެރިވެރިކަން އަދި މާފުރިހަމަ އެވެ. މިނިވަން ދުވަހު ރައީސްގެ ސެކިއުރިޓީންގެ މާބޮޑު ހިފެހެއްޓުމެއް ނެތި ރައީސްއާ އެކު ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުމަކީ މިކުދިންނަށް ލިބުނު ހިތްހަމަޖެހުމެކެވެ.

މި ފޮޓޯތަކަކީ ގަލޮޅު ދަނޑުގައި ރޭ ބޭއްވި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކަށްފަހު ގަލޮޅު ދަނޑުގައި ނަގާފައިވާ ފޮޓޯތަކެކެވެ. ކުޅިވަރުތަކުގައި ބައިވެރިވި ދަރިވަރުން ވަނީ ކުޅިވަރުތައް ނިމުމާ އެކު ދަނޑުގައި ރައީސް އިންނެވި ރޮސްޓޮމްގެ ކުރި މައްޗަށް ގޮސް މަޑުކޮށްފަ އެވެ.

އެވަގުތު ރައީސް ސޯލިހް އެ ސަރަހައްދަށް ވަޑައިގެން ފަހަރަކު ކުއްޖަކާ ސަލާމް ކުރައްވަން ފެއްޓެވި އެވެ. ކޮންމެ ކުއްޖަކުވެސް ބޭނުންވީ ރައީސްއާ އެކު ވީހާވެސް އަވަހަށް ސަލާމް ކުރުމަށެވެ. އެކަމަކު ކެތްމަދުވެފައި ތިބި 800 އެއްހާ ކުދިން އެއްްފަހަރާހެން ރައީސްއާ ސަލާމް ކުރަން މަސައްކަތް ކުރި އެވެ.

ރައީސްގެ ސެކިއުރިޓީ ކޮންމެވެސް ވަރަކަށް އެ ކުދިން ދުރަށް ޖައްސަން މަސައްކަތް ކުރި ނަމަވެސް ރައީސް ގެންދެވީ ކުދިންތަކުގެ އެންމެ އެތެރޭގައި ހުންނަވައިގެން ކުދިންނާ ސަލާމް ކުރައްވަމުން ކަމަށްވާތީ ފޮޓޯގެ ރީތިކަން އިތުރަށް ފުރިހަމަވެ ހިތްގައިމުވި އެވެ.

މިފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކު ވަރަށް ގިނަ ބަޔަކަށްވެސް މިމަންޒަރުތައް ޗާލުވެފައި ސަޅިވި އެވެ. ބައެއް މީހުންގެ ނަޒަރުގައި މިއީ މިފަހުން ގަލޮޅު ދަނޑުން ފެނުނު އެންމެ ހިތްގައިމު މަންޒަރެވެ. އަދި ބައެއް މީހުން ބުނި ގޮތުގައި މި ފޮޓޯތަކުން ފެންނަނީ ވެރިއެއްގެ ހިތްތިރިކަމާއި އޯގާތެރިކަމެވެ.

ގަލޮޅު ދަނޑުގައި މީގެކުރިންވެސް ހެވިކަމާއި ކުޅިވަރުގެ އައިޓަމްތައް ބެއްލެވުމެއް ގައުމުގެ ވެރިން ގަލޮޅު ދަނޑަށް ވަޑައިގެން ކުޅިވަރުތަކުގައި އުޅުނު ކުދިންނާ ސަލާމް ކުރެއްވި އެވެ. އެކަމަކު ރޭގައި ފެނުނު ފަދަ މަންޒަރެެއް ނުފެނެ އެވެ. މިނިވަން ޖައްވަކުން ފެންނަންޖެހޭ ހިތްގައިމު މަންޒަރެއް ރޭގައި ނޫނީ ނުފެނެ އެވެ. މި ފޮޓޯތަކާއި ވީޑިއޯތަކުން ރައީސްއަށް މީހުން ކުރަނީ ތައުރީފް އެވެ.