އެޗްޕީއޭ

ހޮޑުލުމާއި ބޭރަށް ހިންގުން ކުއްލިއަކަށް އިތުރުވެ ހޮސްޕިޓަލްތައް ފުރިއްޖެ

ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ފުރިއްޖެ އެވެ.

އޭޑީކޭ އާއި އައިޖީއެމްއެޗް އިން ވަނީ އިއްޔެ އިން ފެށިގެން ޑޮކްޓަރަށް ދައްކާ ކުދިން އިތުރުވެ ހޮސްޕިޓަލްތަކުގެ އެމެޖެންސީ ރޫމް ފުރިފައިވާތީ ފަރުވާ ދިނުމަށް ހާއްސަަ އިންތިޒާމުތަކެއް ހަމަޖައްސަމުންދާ ކަމަށް ބުނެފަ އެވެ.

ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލާއި ސިފައިންގެ ހޮސްޕިޓަލް -- ސެނަހިޔާގައި ވެސް ގިނަ އަދަދެއްގެ ކުދިންނަށް ފަރުވާ ދެމުންދާ ކަމަށް އެނގިފައިވެ އެވެ.

މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުން ކުއްލިއަކަށް އިތުރުވި ވަކި ސަބަބެއް އެނގިފައި ނުވާތީ އެކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުން ކުއްލިއަކަށް އިތުރުވުމާ ގުޅިގެން ބައެއް ޑޮކްޓަރުންވެސް ގެންދަނީ ސޯޝަލް މީޑިއާގައި އާންމުންނަށް އިރުޝާދުތައް ދެމުންނެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ޑރ. އަހްމަދު ފައިސަލް އިރުޝާދު ދެއްވާފައިވަނީ އަތް ދޮވެގެން ނޫނީ ކާން ނުފެށުމަށާއި އަވަސްއަވަހަށް އަތް ދޮވުމަށާއި ކުޑަކުދިންނަށް ހޮޑަށްދޭ ބޭސްކޮޅެއް ދީފައި މަދުމަދުން ނަމަވެސް އަވަސްއަވަހަށް ދިޔާއެއްޗެހި ދިނުމަށެވެ.

"ފެންމަދުވިޔަ ނުދީވޭތޯ ބަލާތި. މާވަރުދެރަވެ ހީސްނުލާ އަށް ގަޑިއިރުވީމާ ޖެހޭނީ އައިވީ ކޮޅެއް ދޭން،" ޑރ، ފައިސަލް ވިދާޅުވެފައިވެ އެވެ.

އޭޑީކޭގައި މަސައްކަތް ކުރައްވާ ޑރ. އަބްދުﷲ ނިޔާފް ވެސް ވިދާޅުވީ ހޮޑުލުމުގެ ކޭސްތައް ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން ހަށިގަނޑުން ފެން މަދު ވިޔަ ނުދިނުމަށްޓަކައި ސާފު ފެން ބުއިމަށާއި އަމިއްލަ ސާފުތާހިރު ކަމަށް އިސްކަން ދިނުމަށްވެސް ޑރ. ނިޔާފް އެދިވަޑައިގެންފައިވެ އެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނި ގޮތުގައި ހޮސްޕިޓަލްތަކަށް ފަރުވާ ހޯދުމަށް ދިޔަ ގިނަ މީހުންނާއި ކުދިންނަކީ އިއްޔެ ކުރިއަށް ގެންދިޔަ މިނިވަން ދުވަހުގެ ޕެރޭޑް އަދި ރޭ ކުރިއަށް ގެންދިޔަ ފުޅަދުބުރު ބަލާލުމަށް ދިޔަ މީހުންނާއި ކުދިންނެވެ. ނަމަވެސް ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔަ ބައެއް މީހުން ބުނާ ގޮތުގައި އެމީހުންނަކީ އެ ހަރަކާތްތައް ބަލަން ދިޔަ ބައެއް ނޫނެވެ.

ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ހޮޑުލުމާއި ބޭރަށް ހިންގުމުގެ މައްސަލަތައް އާންމުކޮށް ދިމާވަނީ ބަލިޖެހިފައިވާ މީހެއްގެ ފަރާތުން ނުވަތަ ސާފުތާހިރު ނޫން ފެނުން ނުވަތަ ރައްކާތެރި ނޫން ކާބޯތަކެތީގެ ސަބަބުންނެވެ.

މާބޮޑަށް ހޮޑުލެވި ބޭރަށް ހިންގާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުމަށްވެސް ކަމާ ގުޅޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.