ރިޕޯޓް

ރާއްޖޭގެ ސިއްހީ ހިދުމަތަށް 73 އަހަރު

Jan 11, 2021
4

ސަރުކާރުން ރާއްޖޭގައި ސިއްހީ ހިދުމަތް ފޯރުކޮށް ދޭން ފެށިތާ މިއަދަށް 73 އަހަރު ވެއްޖެ އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ސަރުކާރުން ސިއްހީ ހިދުމަތް ފޯރުކޮށް ދޭން ފެށީ މީގެ 73 އަހަރު ކުރިން 1948 ގައެވެ. އެ ދުވަސްވަރު ސަރުކާރުން އެ ހިދުމަތް ފޯރު ކޮށްދޭން ފެށީ "ޑަކްޓަރުގޭ" ގެ ނަމުގަ އެވެ. އެ ފަހުން ސެންޓްރަލް ހޮސްޕިޓަލްގެ ނަމުގަ އެވެ. އަދި ޖަނަވަރީ 1995 ގައި އިންދިރާ ގާންދީ މެމެރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނަމުގައި ސަރުކާރުގެ މައި ހޮސްޕިޓަލް ހިންގަން ފެށިއެވެ. އެ ހޮސްޕިޓަލަށް ވަނީ ގިނަ ކުރިއެރުންތަކެއް އައިސްފަ އެވެ.

ދިވެހިންގެ ސިއްހީ ފަރުވާގެ ނިޒާމަށް 73 އަހަރު ފުރިގެން ދިޔައިރު ރާއްޖޭގައި ފެންވަރު ރަނގަޅު އަމިއްލަ ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތައް ވަނީ ގާއިމުކޮށްފަ އެވެ. އަމިއްލަ ހޮސްޕިޓަލްތަކުގެ ތެރެއިން އޭޑީކޭ ހޮސްޕިޓަލާއި ޓްރީޓޮޕް ފާހަގަ ކޮށްލެވެ އެވެ. އެ ހޮސްޕިޓަލްތަކުން ޒަމާނީ ސިއްހީ ފަރުވާގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. މި ދާއިރާއިން ދިވެހިން ހޯދި އެންމެ ބޮޑު އެއް ކާމިޔާބަކީ ފެންވަރު ރަނގަޅު ދިވެހިންގެ އަމިއްލަ ހޮސްޕިޓަލެއް ބިނާ ކޮށްފައި ވުމެވެ. ދަރުމަވަންތަ ހޮސްޕިޓަަލްގެ 25 ބުރީގެ އިމާރާތަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ގިނަ ހިދުމަތްތަކެއް ލިބޭ ހޮސްޕިޓަލެކެވެ. މިހާރު ސަރުކާރުގެ މައި ހޮސްޕިޓަލެވެ.

ގިނަ ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލުގައި

ޒަމާނާއި އެއްގޮތައް ތަރައްގީވަމުން އައިސް އައިޖީއެމްއެޗް ގާއިމު ކުރި ހިސާބުން، މިހާތަނަށް ސިއްހީ ނިޒާމުގެ ވަރަށް ގިނަ ލަނޑުދަނޑިތަކެއް ވަނީ ހާސިލް ކުރެވިފަ އެވެ. މެދުނުކެނޑި ރާއްޖޭގެ ބޮޑު އާބާދީ އަކަށް ފަސޭހަ ކަމާއި އެކީ ހިދުމަތްފޯރު ކޮށްދިނުމުގެ ގޮތުން އައިޖީއެމްއެޗުން ކުރަމުންދާ މަސައްކަތުގެ ދަށުން ގިނަ ހިދުމަތްތައް މިހާރު ވަނީ އިންވެގެން ހުރި ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކޮށްފަ އެވެ. އެގޮތުން އޯޕީޑީ ހިދުމަތްތަކާއި އެކި ޓެސްޓުތައް ހެދުމުގެ ހިދުމަތް މިހާރު ފޯރު ކޮށްދެ އެވެ.

ދަރުމަވަންތާގައި ހިންގާ އޯޕީޑީ ތަކުގެ ތެރޭގައި ރޭޑިއޮލޮޖީ، ނާރުގެ ބަލިތަކަށް ހާއްސަ، ކަށީގެ ބަލިތަކަށް ހާއްސަ، ކުޑަކުދިންގެ ބަލިތަކަށް ހާއްސަ، އެތެރެ ހަށީގެ ބަލިތަކަށް ހާއްސަ، ޖެނަރަލް ސާޖަރީ، ފިޒިއޮތެރަޕީ، ހަމުގެ ބަލި ތަކަށް ހާއްސަ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް ތެރަޕީ، ކަރުންމަތީ ބަލިތަކަށް ހާއްސަ، ދަތުގެ ބަލިތަކަށް ހާއްސަ އަދި ލޮލުގެ ބަލިތަކަށް ހާއްސަ އޯޕީޑީ ހިމެނެ އެވެ.

އައިޖީއެމްގެ ގިނަ ތަމްރީނުތަކެއް

އައިޖީއެމްއެޗްގައި ގިނަ އަދަދެއްގެ ނަރުހުންނާއި ޑޮކްޓަރުންގެ ތަމްރީން ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. މީގެ ތެރެއިން ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިން އާއި ގުޅިގެން، ދަރުމަވަންތަ ހޮސްޕިޓަލްގެ 8 އަދި 14 ވަނަ ފަންގިފިލާގައި އެމްބީބީއެސް ޕްރޮގްރާމް (މެޑިކަލް ސްކޫލް) ހިންގަމުން ދެއެވެ.

އެމްބީބީއެސް ޕްރޮގްރާމް ނިންމުމަށް ފަހު އަންނަ ޑޮކްޓަރުންނަށް އަމަލީ ތަޖުރިބާ ދިނުމުގެ ގޮތުން އައިޖީއެމްއެޗްގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްތައް ޖަނަވަރީ 11، 2018 އިން ފެށިގެން ދަނީ ހިންގަމުންނެވެ. އަދި 2018 ގައި ދެ ބެޗް، 2019 ގެ ބެޗުގައި ޖުމްލަ 20 ޑަކުޓަރުން ވަނީ އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަ ކޮށްފައިވެއެވެ. އަދި 2020 ގައި ފެށި ބެޗުގައި 19 ޑަކުޓަރުން މިހާރު ވެސް ތަމްރީނު ހަދަ އެވެ.

މި ތާރީހުން ފެށިގެން ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީނު ދިނުމުގެ އިތުރުން، އައިޖީއެމްއެޗް ގައި އެހެނިހެން ދާއިރާތަކުން ހިދުމަތްފޯރު ކޮށްދޭ ފަރާތްތަކަށް ވެސް ދާއިމީ ގޮތަކަށް ތަމްރީނު ޕްރޮގްރާމްތައް ހިންގަމުންދެ އެވެ. މީގެ އިތުރުން، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް، ނޭޝަނަލް ޔުނިވަސިޓީ އޮފް މެލޭޝިޔާ އާއި ގުޅިގެން އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ތަމްރީނުކުރުމުގެ ޕޯސްޓް-ގްރެޖުއޭޓް ރެސިޑެންސީ ޕްރޮގްރާމެއް އައިޖީއެމްއެޗް ގައި މިދިޔަ ޑިސެންބަރު މަހު ވަނީ ފަށާފަ އެވެ.

ސްޕެޝަލިޓީ ހިދުމަތްތައް ފުޅާކުުރުން

ކުރިން ރާއްޖޭގައި ލިބެންނެތް އެތަކެއް ސްޕެޝަލިޓީ ހިދުމަތްތައް އައިޖީއެމްއެޗް ގައި މިހާރު ފުޅާ ދާއިރާއެއްގައި ފޯރުކޮށް ދެމުންދެއެވެ. އެގޮތުން ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ފަރުވާ، ހިތުގެ ބަލިތަކަށް ހާއްސަ ފަރުވާ، ކިޑްނީގެ ބަލިތަކަށް ހާއްސަ ފަރުވާ، ގޮހޮރުގެ ބަލިތަކަށް ހާއްސަ ފަރުވާ، ކަކުލުހުޅުގެ އޮޕަރޭޝަންތައް، އަދި ކެންސަރުގެ ބަލިތަކަށް ހާއްސަ ފަރުވާކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ސީޓީ ސްކޭން، އެމްއާރުއައި، އެކްސްރޭ، މެމޯގްރަމް އަދި ތަފާތު އެތައް އޮޕަރޭޝަންތަކެއް ކުރަމުން ގެންދެއެވެ.

އައިޖީއެމްއެޗްގައި ނަފްސާނީ ބަލިތަކަށް ފަރުވާދެވޭ ހާއްސަ ސެންޓަރެއްގެ އިތުރުން ސްޓްރޯކް ސެންޓަރަކާއި ހަކުރު ބައްޔަށް ހާއްސަ ސެންޓަރެއް ވަނީ މިހާރު ގާއިމްކުރެވިފައެވެ. އޮގަސްޓު 17، 2020 ގައި ހުޅުވި ސްޓްރޯކް ސެންޓަރަކީ ހަ އެނދު އެކުލެވޭ ސެންޓަރެކެވެ. ސްޓްރޯކް ސެންޓަރު ހުޅުވުނު ތާރީހުން ފެށިގެން 2020 ޑިސެމްބަރު 31 ވަނަ ދުވަހާ ހަމަޔަށް 92 މީހުނަށް ފަރުވާ ދީފައި ވެއެވެ. ސްޓްރޯކްއަކަށް ފަހު އާއްމު ދިރިއުޅުމަށް ރުޖޫއަވުމަށް ބޭނުން ވާނެ ފިޒިއޮތެރަޕީ، ސްޕީޗްތެރަޕީ އަދި ޑައެޓެޓިކްސް ފަދަ ހިދުމަތްތަކުގެ އިތުރުން ކައިރި މުސްތަގުބަލެއްގައި އޮކިއުޕޭޝަނަލް ތެރަޕީ އަދި ސޯޝަލް ވޯކަރުންގެ ހިދުމަތް އެ ސެންޓަރުން ދެއެވެ. މީގެ އިތުރުން ސްޓްރޯކްއަށް ފަރުވާދެވި ދޫކޮށްލާފައިވާ ބަލިމީހުންނަށް ގަވައިދުން ފަރުވާދިނުމުގެ ގޮތުން، ސްޓްރޯކް ކްލިނިކެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. މިހާތަނަށް 135 މީހަކަށް ވަނީ ފަރުވާ ދީފައެވެ.

ހަކުރު ބައްޔަށް ފަރުވާދިނުމުގެ ގޮތުން ނޭޝަނަލް ޑައެބީޓީސް ސެންޓަރެއް ދަރުމަވަންތަ ހޮސްޕިޓަލްގެ ތިން ވަނަ ފަންގިފިލާގައި ހުޅުވާފައި ވެއެވެ. ސަރުކާރު ބަންދު ނޫން ދުވަސްތައް ހިމެނޭހެން ހަފްތާއަކު ފަސް ދުވަހު، މި ސެންޓަރުގައި ބޮޑުތި މީހުންނާއި ކުޑަކުދިންނަށް ހާއްސަ ކުރެވިގެން ކްލިނިކްތަކެއް ހިންގަމުންދެއެވެ. އަދި ބޮޑެތި މީހުންނާއި ކުޑަކުދިން ހިމެނޭހެން މިހާތަނަށް 559 މީހުންނަށް ވަނީ ފަރުވާދެވިފައެވެ.