މަސްވެރިކަމާއި އިގްތިސޯދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅު ރަށްތައް ދޫކުރެވޭނެ މުއްދަތު، 21 އަހަރަށް އިތުރުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން އާންމުކޮށްފައިވާ ގަވައިދުގައި މަސްވެރިކަމާއި ދަނދުވެރިކަމާއި އިގްތިސޯދީ ބޭނުންތައް ފިޔަވައި އެހެން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދުގައި ފަޅުރަށްތައް ދޫކުރެވޭ މުއްދަތަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން އެ މުއްދަތު ފަސް އަހަރުން 21 އަހަރަށް މިހާރު އިތުރުކޮށްފައިވާ ކަމަށް ގަވާއިދުގައި ވެއެވެ.
ފަޅުރަށެއް ދީފައިވާ މުއްދަތު ހަމަވުމުގެ 12 މަހާއި 24 މަހާ ދެމެދުގެ މުއްދަތެއް ކުރިން މުއްދަތު އިތުރުކުރުމަށް ފަޅުރަށް ދޫކޮށްފައިވާ ފަރާތަށް ހުށަހަޅައިފިނަމަ، 50 އަހަރަށް ވުރެ އިތުރު ނުވާނެހެން މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު ކަމާ ގުޅޭ އިދާރާއަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެެ އެވެ.
މުއްދަތު އިތުރުކުރުމާ ގުޅޭ ޝަރުތުތަކަކީ އެ ރަށެއްގައި ކުރަން އެއްބަސްވި މަސައްކަތް ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް ގެންގޮސްފައިވުމާއި މަސައްކަތުގެ 75 އިންސައްތަ ފުރިހަމަވެފައި އޮތުމެވެ. އަދި ކުރަން ހުށަހަޅާފައިވާ އިންވެސްޓްމެންޓުގެ މަދުވެގެން 75 އިންސައްތަ ފައިސާ އިންވެސްޓްކޮށްފައިވުމެވެ.
މަސްވެރިކަމާއި އިގްތިސޯދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ބޭނުންކުރާ ފަޅުރައްތަށް ކަނޑައަޅާނީ -- އެ ރަށް، ރަށު ކައުންސިލެއްގެ ނުވަތަ ސިޓީ ކައުންސިލެއްގެ އިހްތިސޯސަގައި ނުހިމެނޭނަމަ -- ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ލަފާގެ މަތީން، ރައީސުލްޖުމްހޫރިއްޔާ އެވެ.
އިކޮނޮމިކް މިނިސްޓްރީންވެސް ވަނީ އިގުތިސާދީ ބޭނުންތަކަށް ބިޑަކާ ނުލައި ފަޅުރަށްރަށް 21 އަހަރަށް ކުއްޔަށް ދެވޭ ގަވާއިދެއް މިއަހަރު އެކުލަވާލާފަ އެވެ.