ދުނިޔެ

ތައިލޭންޑްގައި ބަޑިބޭސް ގުދަނެއް ގޮވައި 10 މަރު

ތައިލޭންޑްގައި ހޮނިހިރު ދުވަހު ބަޑިބޭސް ގުދަނެއްގައި ބާރުގަދަ އެއްޗެއް ގޮވައި 10 މީހަކު މަރުވެއްޖެ އެވެ. މި ހާދިސާގައި 115 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އިދާރާތަކުން ބުނެ އެވެ.

ރަސްމީ ޚަބަރުތައް ބުނާ ގޮތުން ކައިރި ފަށުގައި ހުރި ބައެއް ގެތައް އަނދާހުލިވެފައި ވާއިރު ބައެއް ގެތައް ވަނީ ބިމާ ހަމަވެފަ އެވެ.

ބަޑިބޭސް ގުދަން ގޮވަން މެދުވެރިވި ސަަބަބެއް ކަމަށް ބަލާފައި ވަނީ ގުދަނުގައި އިމާރާތްކުރުމުގެ މަސައްކަތެއްގައި ވެލްޑިންކުރުމުގެ ތެރޭގައި އަލިފަންކަނިތަކެއް ބުރައިގެން ދިއުމެވެ.

ތައިލޭންޑްގެ އިދާރާތަކާ ހަވާލާދީ އޭއެފްޕީ ބުނާ ގޮތުން ގުދަނުގައި ހިފި ހުޅުގަނޑު މިހާރު ވަނީ މައިތިރިކޮށްފަ އެވެ. މި ހާދިސާގައި ފިހުނު މީހުންނަށް ފަރުވާދިނުމަށް ހޮސްޕިޓަލްތަކަށް ވަނީ ގެންގޮސްފަ އެވެ.

މި އިމާރާތަކީ އަދި މުޅިން ހަދާ ނުނިމޭ އިމާރާތެއް ކަމަށް އޮފިޝަލުން ބުނެ އެވެ.

ތައިލޭންޑްގެ ޓީވިތަކުން މި ހާދިސާގެ މަންޒަރުތައް ދެއްކިއިރު މުޅި ތަން އޮތީ ބޯދުމުން ފުރިފަ އެވެ. ވަށައިގެން ހުރި އިމާރާތައް -- ފިހާރަތަކާއި މީހުން ދިރިއުލޭ އިރާރާތައް ވަކިކުރަން ނެނގޭ ވަރު އޮތީ ވެފަ އެވެ.

ގުދަން ކައިރިގައި ޕާކުކޮށްފައި ހުރި އުޅަނދުތަކުން ދުންއަރާތީ ވެސް ފެނެ އެވެ. އޭގެ ތެރެއިން ބައެއް އުޅަނދު އެއްގޮތަކަށް ވެސް ބޭނުން ނުކުރެވޭ ވަރު ވަނީ ވެފަ އެވެ.

އޭއެފްޕީ އިން ނަގާފައި ހުރި ފޮޓޯތަކުން ފެންނަ ގޮތުގައި އިމާރާތުގެ ދަގަނޑުތައް ލެނބި، ބައެއް ތަންތަން ހުރީ ވިރިފަ އެވެ. އިމާރާތުގެ ބައެއް ތަންތައް އަލުން އިމާރާތްކޮށްގެން ނޫން ގޮތަކަށް ބޭނުން ނުކުރެވޭ ވަރު ވަނީ ވެފަ އެވެ.

މި ހާދިސާ ހިނގީ މެލޭޝިއާއާ ބޯޑަރު ހިއްސާކުރާ ސަރަހައްދެއްގައި ކަމަށް ބުނެވެ އެވެ. އެހެންކަމުން، ސަރަހައްދުގައި އަލިފާން ކޮންޓްރޯލްކުރުމަށް ވަރަށް ބޮޑު އަހަންމިއްޔަަތުކަމެއް ދީފައި ވާނެ ކަމަށް އިދާރާތަކުން އޭއެފްޕީ އަށް ބުންޏެވެ.

ބަޑިބޭސް ގުދަން ގޮވި މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި -- ބާރުގަދަ އެއްޗެއް ގޮވި އަޑާއެކު މުޅި ސަރަހައްދު ގުޑައިގެން ދިޔަ އެވެ. އަދި އިމާރާތެއް ފުރާޅު ފިޔަޖަހާފައި މައްޗަށް އެރިތައް އޭނާއަށް ފެނުނެވެ.

އެ ހިސާބުގައި ހުރި ބައެއް ގެތައް ބިމާ ހަވާތަން އޭނާއަށް ފެނުނު ކަމަށް ވެސް ބުންޏެވެ.