ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައި ކެމިކަލް ފެކްޓަރީއެއް ގޮވައި އެކަކު މަރުވެ 60 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ވެއްޖެ އެވެ. ޑިޒާސްޓާ ޕްރިވެންޝަން އެންޑް މިޓިގޭޝަން ޑިޕާޓްމަންޓުން ބުނީ ކާރުހާނާގެ ގުދަނުގައި ގޮވީ ކޮން އެއްޗެއްކަން އަދި ނޭނގޭ ކަމަށެވެ.
ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ އިތުރަށް ގޮވާފާނެ ކަމަށް ފަސް ކިލޯމީޓަރު ސަރަހައްދަކުން މީހުން ދުރު ކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި 70 ގެއެއް އަނދާ ހުލިވެފައިވާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.
އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި ފެކްޓަރީއަކީ ޕްލާސްޓިކް ފޯމް ބޯޑާއި ޕްލާސްޓިކް ޕެލެޓް އަދި ގުޅުން ހުރި ބާވަތްތައް އުފައްދާ ކާރުހާނާ އެކެވެ. އެތާނގެ ގުދަން ގޮވުމުގެ ސަބަބުން 21 މީހަކު ފިހިފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.
ޑިޒާސްޓާ މެނޭޖްމަންޓުން ބުނާ ގޮތުން ފެކްޓަރީގެ ގޯތި ތެރޭގައި ކެމިކަލް ރައްކާކޮށްފައި ހުރި ހައެއްކް ގުދަން ވެސް ހުއްޓެވެ. އެ ގުދަންތަކުގައި 50 ޓަނުގެ ކެމިކަލް ހުރި ކަމަށް އޮފިޝަލުން ބުނާ ކަމަށް ވެސް ޑިޒާސްޓާއިން ބުންަޏެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ފެންޖަހާ ލޮރީއާ އަލިފާން ނިއްވާން ކެމިކަލް ޖަހާ ހެލިކޮޕްޓަރު ވެސް ދަނީ ބޭނުންކުރަމުންނެވެ. ގުދަނުގައި ހިފާފައި ހުރި ހުޅުގަނޑަށް ވުރެ އަރާ ބޯދުމުގެ ސަބަބުން ވާއެއްނުވާއެއް ނޭނގޭ ކަމަށް އަލިފާން ނިއްވާ އޮފިޝަލުން ވިދާޅުވި އެވެ. ގުދަނުގައި އަނދަނީ ކޮން އެއްޗެއްކަން އަދި ވެސް ކަށަވަރު ނުވާ ކަމަށް ވެސް ބުނެ އެވެ.
ބެންކޮކްގައި މި ފެކްޓަރީ ބިނާކުރީ ޓައިވާންގެ މިންގް ޑީ ކެމިކަލްއިން 1998 ގައި ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ. މި ފެކްޓަރީގައި 30،000 ޓަނުގެ ޕްލާސްޓިކް ފޯމާއި ޕެލެޓް އުފައްދާ ކަމަށް ވެއެވެ. މި ފެކްޓަރީގައި އުފައްދާ ބާވަތްތައް ޑޮމެސްޓިކް މާކެޓަށާއި ބައިނަލްއަގުވާމީ މާކެޓަށް ސަޕްލައިކުރާ ކަމަށް ވެއެވެ.