ވިޔަފާރި

"ޝެލް" އާ ގުޅިގެން ރާއްޖެއިން ކައްކާ ގޭސް އެކްސްޕޯޓް ކުރަން ފަށަނީ

  • މިއީ މި ހިދުމަތް ރާއްޖޭގައި ފަށާ ފުރަތަމަ ފަހަރު
  • ޝެލްގެ ވިޔަފާރި ސަރަހައްދުގައު ފުޅާވާނެ
  • ގޭހުގެ ބޮޑެތި ޝިޕްމަންޓް ގެނެސް ބޭރަށް އެކްސްޕޯޓް ކުރާނެ

ކައްކާ ގޭހުގެ ބިޑެތި ޝިޕްމަންޓްތައް ރާއްޖެ އެތެރެކޮށް ދުނިޔޭގެ އެހެން ގައުމުތަކަށް އެ ގޭސް އެކްސްޕޯޓް ކުރުމަށް ޝެލް ކުންފުންޏާ އެކު، ޓްރާންޝިޕްމަންޓް އެއްބަސްވުމެއް އެސްޓީއޯ އިން ގާއިމްކޮށްފި އެވެ.

ޝެލް ކުންފުނީގެ ފަރާތުން އެކަމުގެ ލައިސަންސް އެސްޓީއޯއާ ހަވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެސްޓީއޯގެ ހެޑް އޮފިީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަށް އެ ލައިސަންސް ހަވާލުކޮށްދެއްވީ ޝެލް ކުންފުނިން އެލްޕީޖީއަށް ކަނޑައަޅާފައި ހުންނަ ގްލޯބަލް ޓީމް ލީޑާ، ގްލިން އަންޑަރވުޑް އެވެ.

ކައްކާ ގޭސް ރާއްޖޭގައި ވިއްކަމުން އަންނަނީ އެސްޓީއޯގެ ސަބްސިޑަރީ އެއް ކަމަށްވާ، މޯލްޑިވް ގޭސް އިންނެވެ.

ޝެލް ކުންފުންޏާ ގުޅިގެން ކުރިއަށް ގެންދާ އެ މަޝްރޫއާ ގުޅޭ ގޮތުން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަހީރު ވިދާޅުވީ އެ މަސައްކަތް ފެށުމަށް އެ ކުންފުނިން ނިންމީ ކުންފުނީގެ ވިޔަފާރި އިތުރަށް ތަރައްޤީކުރުމުގެ ގޮތުންނާއި އަދި ރާއްޖޭގައި ޓްރާންސްޝިޕްމަންޓް ވިޔަފާރި ތަރައްގީ ކުރުމުގެ ގޮތުން ކަމަށެވެ. އެމްޑީ އިތުރަށް ވިދާޅުވީ މިއީ މިމަސައްކަތް ކުރުމުގެ ލައިސަންސް ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިވިޔަފާރި ފެއްޓުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުންނާއި އަދި ހާއްސަކޮށް އިކޮނޮމިކް މިނިސްޓްރީ އިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް އެމްޑީ ވިދާޅުވި އެވެ.

ޝެލް ކުންފުނީގެ ފަރާތުން ގްލިން ވިދާޅުވީ ރާއްޖޭގައި މިފެށި ޕްރޮޖެކްޓްގެ ސަބަބުން މިސަރަހައްދުގައި ކުރެވޭ ޝެލްގެ ވިޔަފާރި އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.