ށ. ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ނިންމާ އެކަން އިއުލާންކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ށ. މިލަންދޫގައި މިރޭ ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕޭން ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.
ނަލަންދޫ މިވަގުތު އޮތީ ފިޝަރީޒް މިނިސްޓްރީގެ ދަށުގައެވެ. އެރަށް އަމިއްލަ ފަރާތަކަށް ދިގުމުއްދަތަކަށް ކުއްޔަށް ދޫކޮށްފައި އޮތީ ދަނޑުވެރިކަމާއި ހުއިފިލަނޑާގެ މަސައްކަތް ކުރުމަށެވެ.
ރައީސް ސޯލިހް މިރޭ ވިދާޅުވީ ނަލަންދޫ ކުއްޔަށް ނަގާފައިވާ ފަރާތަށް ބަދަލުދިނުމަށްފަހު އެ ރަށް ދައުލަތަށް ނެގުމަށް ނިންމާފައިވާ ކަމަށެވެ. އަދި ނަލަންދޫ ކުއްޔަށް ނަގާފައިވާ ފަރާތަށް ބަދަލުދިނުމުގެ މަރުހަލާ ދާދި އަވަހަށް ނިމި އެއްބަސްވުމަކަށް އާދެވޭނެ ކަމަށާއި ނަލަންދޫގައި ރިސޯޓެއް ހެދުމަށް ބަޔަކު ހަމަޖެހިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
"އެތަނަށް އިންވެސްޓް ކުރާނެ މީހުންވެސް މިހާރު ތިބީ ތައްޔާރުވެ ނިމިފައި. އަޅުގަނޑުމެންނަށް ލިބިފައި. އެހެންވީމާ މިރަށުގެ ރައްޔިތުން މިސަރަހައްދުގެ ރައްޔިތުން އެދެ ގޮތަށް ނަލަންދޫ ރިސޯޓަކަށް ބަދަލުވުމުގެ މަސައްކަތް ދާދި އަވަހަށް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ ވާހަކަ އަޅުގަނޑު ތިބޭފުޅުންނާ ހިއްސާކޮށްލަން މިފުރުސަތުގެ ބޭނުން މިހިފީ،" ރައީސް ވިދާޅުވި އެވެ.
މީގެ 22 އަހަރުކުރިން ބަޔަކަށް ކުއްޔަށް ދޫކޮށްފައިވާ ނަލަންދޫ އަކީ ގާތްގަނޑަކަށް 90 ހެކްޓަރުގެ ރަށެކެވެ. ނަލަންދޫ އަކީ ރަށު ތެރޭގައި ބޮޑު ނޫވިލަކާ އެކު ގުދުރަތީ ހާއްސަ ސިފަތަކެއް ލިބިފައިވާ ރީތި ރަށެކެވެ.
ނަލަންދޫގައި ބަޔަކު މިދިޔަ އަހަރުތަކުގައި މަސައްކަތްތަކެއް ކުރި ނަމަވެސް އެރަށުން ށ. އަތޮޅު ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުލިބުމަކީ އެ ރައްޔިތުން އަބަދުވެސް ސަރުކާރަށް ޝަކުވާ ހުށަހަޅަމުން ދިޔަ މައްސަލަ އެކެވެ.
ރައީސް ސޯލިހްގެ މި ދައުރުގައި 20 ރިސޯޓެއް ހެދުމަކީ މި ސަރުކާރުގެ ވައުދުކެވެ.