ރިސޯޓްތަކުގެ އޮކިއުޕެންސީ -- ޓޫރިޒަމްގެ އެނދުތައް ފުރިފައިވާ އަދަދު އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ އިން އޮގަސްޓް މަހުގެ ނިޔަލަށް ރިސޯޓްތަކުގެ އޮކިއުޕެންސީ ހުރީ 73.6 ޕަސެންޓްގަ އެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 68.4 ޕަސެންޓްގަ އެވެ.
ރިސޯޓުތަކުގެ އިތުރުން ސަފާރީ އުޅަނދުތަކުގެ އޮކިއުޕެންސީ މި މުއްދަތުގައި އިތުރުވި ނަމަވެސް، ގެސްޓްހައުސްތަކާއި ޓޫރިސްޓް ހޮޓާތަކުގެ އޮކިއުޕެންސީ ވަނީ ދަށްވެފަ އެވެ.
ޓޫރިޒަމްގެ އޮކިއުޕެންސީ - ޖެނުއަރީ އިން އޮގަސްޓްގެ ނިޔަލަށް
- ރިސޯޓް - 2023: 68.4 ޕަސެންޓް | 2024: 73.6 ޕަސެންޓް
- ގެސްޓްހައުސް - 2023: 41.9 ޕަސެންޓް | 2024: 36.9 ޕަސެންޓް
- ހޮޓާ - 2023: 35.4 ޕަސެންޓް | 2024: 26.9 ޕަސެންޓް
- ސަފާރީ އުޅަނދު - 2023: 23.3 ޕަސެންޓް | 2024: 27.3 ޕަސެންޓް
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު އޮގަސްޓް މަހު ޓޫރިސްޓް ފެސިލިޓީތަކުގެ އޮކިއުޕެންސީ ވަނީ އިތުރުވެފަ އެވެ.
ރިސޯޓްތަކުގެ އޮކިއުޕެންސީ މި އަހަރުގެ ޖުލައި މަހު ހުރީ 69 ޕަސެންޓްގަ އެވެ. މި އަދަދު އޮގަސްޓް މަހު ހުރީ 76.5 ޕަސެންޓްގަ އެވެ. ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ މި އަހަރުގެ ޖުލައި މަހު 31.8 ޕަސެންޓްގައި ހުރިއިރު މި އަދަދު އޮގަސްޓް މަހު ހުރީ 32.1 ޕަސެންޓްގަ އެވެ.
ހޮޓާތަކުގެ އޮކިއުޕެންސީ ޖުލައި މަހު ހުރީ 21.8 ޕަސެންޓްގަ އެވެ. އަދި ސަފާރީ އުޅަނދުތަކުގެ އޮކިއުޕެންސީ ޖުލައި މަހު ހުރީ 14.5 ޕަސެންޓްގަ އެވެ. ނަމަވެސް އޮގަސްޓް މަހު ހޮޓާތަކުގެ އޮކިއުޕެންސީ ވަނީ 28.2 ޕަސެންޓަށް އަދި ސަފާރީ އުޅަނދުތަކުގެ އޮކިއުޕެންސީ ވަނީ 29.1 ޕަސެންޓަށް އިތުރުވެފަ އެވެ.