އިލްޔާސް ލަބީބް

ނިޒާމު ބަދަލުކުރަން ވޯޓަކަށް އަހާނަން: އިލްޔާސް

ވެރިކަން ލިބިވަޑައިގެންފިނަމަ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވޯޓެއް ނެގުމާ ގުޅޭގޮތުން އިލްޔާސް ވާހަކަދައްކަވާފައި މިވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުއްޓުމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ.

އައްޑޫގައި ކެމްޕޭން ކުރެއްވުމަށްފަހު ރޭ މާލެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ ފެހި ގާނޫނުއަސާސީގައި ވެރިކަމުގެ ނިޒާމު ލިޔުމަށްޓަކައި ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމަކާ ގުޅޭގޮތުން 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވީ ނަމަވެސް އެ ވޯޓުގައި ޝައްކުތައް އެބަހުރި ކަމަށެވެ.

"ޑިމޮކްރެޓުންގެ ސަރުކާރެއްގައި ރައްޔިތުންނާ ހަމައަށް އެ ފުރުސަތު ހުޅުވައިދީ ރައްޔިތުން ބޭނުންވަނީ ކިހިނެތްތޯ ދެނެގަތުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެ ޖާގަ އަޅުގަނޑުމެން ރައްޔިތުންނަށް ދޭނަން." އިލްޔާސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބައެއް ބޭފުޅުން ނިސްބަތްވާ ޕާޓީތަކާ އެކު ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުންވެސް މަޝްވަރާތަކެއް ކުރައްވާފަ އެވެ. ނަމަވެސް އެ މަޝްވަރާތައް ފެއިލްވެގެން ދިޔަ އެއް ސަބަބަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައީސް ނަޝީދު ހުށަހަޅުއްވާ އެކަމަށް ބާރުއެޅުއްވުމެވެ.

ރައީސް ނަޝީދު ފިޔަވާ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ތާއީދުކުރައްވައިގެން ސިޔާސީ ޕާޓީއެއްގެ އެންމެ އިސް އެއްވެސް ލީޑަރަކު ވާހަކައެއް ނުދައްކަވަ އެވެ.

ޑިމޮކްރެޓުންގެ ސިޔާސަތުތައް ކަނޑައަޅާފައިވަނީވެސް ބަރުލަމާނީ ނިޒާމަކަށް ގައުމުގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްލެވޭ ގޮތަށެވެ. އެގޮތުން ޑިމޮކްރެޓުންގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލިސް އެކުލަވާލުމަށް ހަމަޖައްސާފައިވަނީ މެންބަރުންގެ އަދަދު 76 އަށް ވުރެ އިތުރުނުވާ ގޮތަށެވެ. މި މަޖިލިސް އެކުލަވާލުމަށް ނިންމާފައިވަނީ މާލެ ސަރަހައްދުން ހޮވާ 55 މެންބަރުންނާއި، ރާއްޖޭގެ އިތުރު ހަތަރު ސަރަހައްދަކުން އަންހެނުންނަށް ހާއްސަ 8 ގޮނޑިއާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރުމަށް ދެ ގޮނޑި އާއި އަދި އިންތިހާބުތަކުގައި ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން މެންބަރުން ހޮވާ 11 ގޮނޑި އެވެ.