ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ނިއުމާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވީ އިއްޔެގެ ވަގުތެއްގައެވެ.
ނިއުމާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ސިޓީގައި ބަޔާންކުރައްވާފައެއް ނުވެ އެވެ.
އެމްޑީޕީގެ ސްލޮޓެއްގައި ޕްލޭނިން މިނިސްޓްރީގެ ނައިބަކަށް ހުންނެވި ނިއުމާ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މިއަދު ވަނީ ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރައްވާފަ އެވެ. އެހެންކަމުން ނިއުމާ ސަރުކާރުގެ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީ ބަދަލުކުރަން ކަމަށް ބެލެވެ އެވެ.
ޕްލޭނިން މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރުންގެ މަގާމުގައިވެސް މިވަގުތުވެސް ހަތް ބޭފުޅުން އެބަތިއްބެވި އެވެ.