ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާއަށް ޕީއެންސީގެ ސެނެޓް މާދަމާ ބާއްވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެއްވޭނަމަ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓެއް ނެރުމަށް ރައީސް ޔާމީން އަންގަވާފައިވާތީ އެކަމާ މެދު ގޮތެއް ނިންމުމަށް މާދަމާ ޕީއެންސީގެ ސެނެޓްގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.

މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ހާއިރު އެވެ.

އަވަސްއަށް މައުލޫމާތު ދެއްވި ޕީއެންސީގެ މެންބަރަކު ވިދާޅުވީ މާދަމާ ބާއްވާ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީ ކެންޑިޑޭޓަކު ނެރުމާ މެދު ގޮތެއް ނިންމުމާއި ޕީއެންސީގެ އަސާސީގަވާއިދަށް ބަދަލުތަކެއް ގެނައުމަށެވެ.

ޕީއެންސީ އަކީ ޕީޕީއެމްއާ އެކު ގުޅިގެން މަސައްކަތް ކުރާ ޕާޓީ އެކެވެ. ޕީޕީއެމް އާއި ޕީއެންސީ ޖޮއިންޓް ސެނެޓް ބައްދަލުވުމެއްގައި ރިޔާސީ ކެންޑިޑޭޓަކާ މެދު ގޮތެއް ނިންމަވައިދެއްވާ ނަމެއް ދެއްވުމަށް ރައީސް ޔާމީނަށް ދެތިން ފަހަރު ދެންނެވުމުން ވެސް ވަކި ނަމެއް ނުދެއްވި ކަމަށްވެސް އަވަސްއަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވި އެވެ.

ރައީސް ޔާމީން އިންތިހާބުގައި ވާދަކުރެއްވުމަށް ރަނިންމޭޓެއްގެ ގޮތުގައި ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ ނަން ކަނޑައަޅައި ކެންޑިޑެސީ ފޯމު އިއްޔެ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ނަމަވެސް ކޮމިޝަނުން ވަނީ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފަ އެވެ. ކޮމިޝަންގެ ނިންމުން ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާތީ ޔާމީންގެ ވަކީލުން ހުށަހަޅާފައިވާ ގާނޫނީ ނުކުތާތަކަށް ރައްދު ހުށަހެޅުމަށް މާދަމާ ހަވީރު 3:00ގެ ނިޔަލަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނަމަ އިދިކޮޅުގެ ރިޔާސީ ޓިކެޓަށް އެންމެ ބޮޑަށް ވާދަކުރައްވާނެ ކަމަށް ބެލެވެނީ ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫނާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.