ޖޭއެސްސީ

ފަނޑިޔާރުކަމަށް އައްޔަންކުރުމުގެ ކުރިން އިމްތިހާނެއް ހަދަން މަޖުބޫރުކޮށްފި

ފަނޑިޔާރުންގެ މަގާމަށް ބޭފުޅުން އައްޔަންކުރުމުގެ ކުރިން ޝަރުއީ އިމްތިހާނެއް ހަދަންޖެހޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީ އިން މިއަދު ބުނީ މި އިމްތިހާނުގެ މަގުސަދަކީ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަންކުރުމުގެ ކުރިން އެބޭފުޅަކަށް ލިބިފައިވާ އިލްމު ދެނެގަނެ ގާބިލްކަން ކަށަވަރުކުރުން ކަމަށެވެ.

ޖޭއެސްސީ ބުނީ މިފަދަ އިމްތިހާނެއް ހަދަން ފެށުމާ ގުޅިގެން ފަނޑިޔާރުކަމަށް އައްޔަންކުރަނީ އެ މަގާމަށް އެންމެ ގާބިލް މީހާކަން ކަށަވަރުކުރެވި، އޭނާގެ ތަޖުރިބާ ވަޒަންކުރެވި ފަނޑިޔާރުންގެ އިންސާފުވެރިކަމާއި ގާބިލުކަމާ ދޭތެރޭ އާންމުންގެ މެދުގައި އޮންނަ އިތުބާރު އިތުރުކުރެވިގެންދާނެ ކަމަށެވެ.

މި އިމްތިހާނުގެ ސަބަބުން އިންސާފުވެރި އަދި އިތުބާރު ކުރެވޭ ޝަރުއީ މަރުހަލާއެއްގައި ހުރިހާ ރައްޔިތުންގެ ހައްގުތައް ދަމަހައްޓައިދޭ ކަން ކަށަވަރުކުރެވި، ކޯޓުތަކަކީ މިނިވަންކަމާ އެކު ހިނގާ ތަންތަނަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ޖޭއެސްސީ އިން ބުނެ އެވެ.

ޖޭއެސްސީއިން އިތުރަށް ބުނީ އިމްތިހާން ހެދުމުން ފަންޑިޔާރުންގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ ކުރިން އެ ބޭފުޅަކާ ހަމައިން ކަމާ ގުޅޭ ގާނޫނުތަކާއި އުސޫލުތައް ރަނގަޅަށް ދެނެގަނެ މައްސަލަތަކާ މެދު ގޮތެއް ނިންމުމުގެ ގާބިލްކަން އެބޭފުޅެއްގެ ގައިގައި ހުރި މިންވަރު ބެލޭނެ ކަމަށެވެ. އަދި މިއިމްތިހާނަކީ މުޖުތަމައަށް އިންސާފުވެރިކަމާއެކު ހިދުމަތް ދިނުމަށްޓަކައި ބޭނުންވާ ޝަރުތުތަކާއި ތަޖުރިބާ ފަނޑިޔާރުންގެ ކިބައިގައި ފުރިހަމަވޭތޯ ބެލުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމުގައިވެސް ބުންޏެވެ.

ޖޭއެސްސީ އިން ނިންމާފައިވަނީ ފަނޑިޔާރުންގެ މަގާމަށް ބޭފުޅުން އައްޔަންކުރުމުގެ ކުރިން ޝަރުއީ އިމްތިހާނެއް ހަދަންޖެހޭ ގޮތަށް އެކުލަވާލާ އުސޫލަށް އަމަލުކުރަން ފެށުމާ އެކު އިމްތިހާނުން ފެއިލްވާ ބޭފުޅުން ފަނޑިޔާރު ކަމަށް އައްޔަން ނުކުރާ ގޮތަށެވެ.

މިއުސޫލަށް އަމަލުކުރަން ޖޭއެސްސީ އިން ނިންމާފައިވަނީ އަންނަ އަހަރު ޖެނުއަރީ އެއްވަނަ ދުވަހު އެވެ.