ރައީސް އަބްދުﷲ ޔާމީން

ޔާމީނަށް ފުރުސަތު ނެތްނަމަ އެހެން ކެންޑިޑޭޓަކު ނެރެން ފުރުސަތު ދޭން އެދިއްޖެ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭ ގޮތް ނުވެއްޖެނަމަ ޕީޕީއެމް އިން ކެންޑިޑޭޓަކު ނެރުމަށް އިތުރު ވަގުތު ދިނުމަށް ރައީސް ޔާމީން ހުށަހަޅުއްވައިފި އެވެ.

ރައީސް ޔާމީން މިގޮތަށް ހުށަހެޅުއްވީ އިލެކްޝަންސް ކޮމިޝަނުން އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިގެންފައި ނުވާ މައްސަލައާއި ގުޅިގެން އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ކެންޑިޑެސީގެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި މައްސަލަ ހުށަހެޅުއްވުމަށް ދެއްވި ފުރުސަތު ގައެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތުގެ އަމަލުތަކެއް ހިންގެވިކަން ސާބިތުވުމާ ގުޅިގެންނެވެ. ދަށު ކޯޓުގެ މި ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.

ދަށު ކޯޓުގެ ހުކުމާއި ގާނޫނުއަސާސީގެ 109 މާއްދާގެ (ޅ)އާއި ހަވާލާދީ މިމަހުގެ އެއްވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފަ އެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިހާބު ކުރާ މީހެއްގައި ހުންނަންވީ ޝަރުތުތައް ބަޔާންކޮށްފައިވެ އެވެ. އެ މާއްދާގެ (ޅ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނޭ ހަމްޒާ ލަތީފް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ނުދެކޭ ކަމަށެވެ. ނަމަވެސް ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ގޮތަށް ސުޕްރީމް ކޯޓުން މައްސަލަ ނިންމާނަމަ ޕީޕިއެމް އިން އިތުރު ކެންޑިޑޭޓެއް ނެރުމަށް ފުރުސަތެއް ދިނުމަށް އެދޭ ކަމަށްވެސް ވިދާޅުވި އެވެ.

ނިހާއީ ހުކުމަކީ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމިފައިވާ ހުކުމްތަކެވެ.

ހަމްޒާ އިތުރަށް އެދިވަޑައިގަތީ ރައީސް ޔާމީންގެ ކެންޑިޑެސީއާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލްކުރުމަށާއި ޔާމީނަކީ ޝަރުތު ހަމަވާ ކެންޑިޑޭޓެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި ޕީޕީއެމް އިން ކެންޑިޑޭޓަކު ނެރުމަށް ރައީސް ޔާމީން އެދިވަޑައިގެންފައި މިވަނީ އެ ހާލަތު ކުރިމަތިވެއްޖެނަމަ ޕީޕީއެމްގެ ކޯލިޝަން ޕާޓުނަރު -- ޕީއެންސީގެ ފަރާތުން އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައި ވަނިކޮށެވެ.

ޕީޕީއެމް އާއި ޕީއެންސީގެ ސެނެޓުން ޔާމީންގެ ބަދަލުގައި ބެކަޕް ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުއިއްޒު ކަނޑައަޅުއްވާފައިވަނީ ވެސް ރައީސް ޔާމީންގެ އެދިވަޑައިގަތުމަކަށް ކަމަށް އެ ދެ ޕާޓީގެ ސެނެޓަރު މީޑިއާގައި ވިދާޅުވެފައިވެ އެވެ.