އެޓާނީ ޖެނެރަލް

ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ރަނގަޅަށް: އޭޖީ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ބަލައިނުގަތުމަށް އިލެކްޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ދައުލަތުގެ ފަރާތުން އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން ފޯމު ހުށަހެޅުއްވީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. ނަމަވެސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ހަމަ އެ ދުވަހު އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބުނާ ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާތީ އެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިހާބު ކުރާ މީހެއްގައި ހުންނަންވީ ޝަރުތުތައް ބަޔާންކޮށްފައިވެ އެވެ. އެ މާއްދާގެ (ޅ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނިންމުން ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެން މިހާރު ކުރިއަށްދާ މައްސަލައަށް އޭޖީ އޮފީހުން ވަނީ އެ މައްސަލައަށް ތަދައްޚުލްވެފަ އެވެ.

މައްސަލައިގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން އޭޖީ އޮފީހުގެ ވަކީލާ ފާތިމަތު ހަލީމު ވިދާޅުވީ ރައީސް ޔާމީނަކީ ދަށު ކޯޓުގެ ހުކުމަކާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ މަތީ ކޯޓުގައި އިސްތިއުނާފް ކޮށްފައިވީ ނަމަވެސް ދަށު ކޯޓުގެ ހުކުމް އެ ބާރުގެ ގޮތުގައި ދެމިއޮންނާނެ ކަމުގައިވެސް ވިދާޅުވި އެވެ. އެހެންވެ އޭނާ ވަނީ ކޮމިޝަންގެ ނިންމުން ދިފާއުކުރައްވާ އެއީ ރަނގަޅު ނިންމުމެއް ކަމަށް ބުނެފަ އެވެ.

ދައުލަތުގެ ވަކީލާ އެގޮތަށް ވާހަކަދެއްކެވުމުން ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ އިސްތިއުނާފް ހުރިހާ މަރުހަލާއެއް ނުނިމެނީސް އެ މީހަކީ ހުކުމެއް ނެތް މީހެއްގެ ގޮތުގައި ބައެއް ގައުމުތަކުން ބަލާ ނޫންތޯއޭ ވިދާޅުވެ ސުވާލު ކުރައްވާފަ އެވެ. އެކަމަށް ޖަވާބުދާރީވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ރާއްޖޭައި އެ ފުރުސަތު އޮންނަނީ ހަމައެކަނި ހައްދާއި ގިސާސްގެ މައްސަލަތަކަށް އެކަނި ކަމަށެވެ.

ފާތިމަތު ހަލީމު އިތުރަށް ވިދާޅުވީ ހުކުމެއް ތަންފީޒު ކުރާ މީހަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ވެއްޖެނަމަ އަމަލުކުރާނެ އެއްވެސް ގޮތެއް ގާނޫނުއަސާސީގައި ނެތީ ހުކުމެއް ތަންފީޒު ކުރާ މީހަކު އެ މަގާމަށް ގެނައުމަކީ އެއީ އެފަދަ މަގާމަކަށް ޝަރުތު ހަމަވާ ގޮތަކަށް ނުވާތީ ކަމަށެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ އަޑުއެހުމުގައި މިހާރު ކުރިއަށްދާނީ މައްސަލައާއި ގުޅޭ ހުރިހާ ފަރާތްތަކަކުން ފަހު ބަސް ބުނުމުގެ ފުރުސަތެވެ.