ރައީސް އަބްދުﷲ ޔާމީން

ސާބިތު ދަރަންޏެއްގެ މައްސަލަ ފެންމަތިކުރުމާއެކު ޔާމީނަށް އިތުރު މައްސަލައެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމަށް އިއްވާފައިވާ ހުކުމާ އެކު ދައްކަން ހުކުމްކޮށްފައިވާ ފަސް މިލިއަން ޑޮލަރު -- 77 މިލިއަން ރުފިޔާގެ ޖޫރިމަނާ ނުދައްކާތީ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިދާނެ ކަމާ ދޭތެރޭ އިތުރު ސުވާލެއް އުފެއްދިއްޖެ އެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީއާ ގުޅޭގޮތުން ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަންގެ ވަކީލް މަހްފޫޒު ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނުއަސާސީގެ 109 މާއްދާގެ (ޅ)ގެ އިތުރު ރައީސް ޔާމީން ނުދައްކަވާ އޮތް ސާބިތު ދަރަންޏެއްވެސް އޮވެގެން ކަމަށެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުން މައްސަލަ ހުށަހެޅިއިރު ރައީސް ޔާމީން ނުދައްކަވާ އޮތް ފަސް މިލިއަން ޑޮލަރުގެ ވާހަކަ އެއްވެސް ވަރަކަށް ނުދައްކަވަ އެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލް މައްސަލަ ހުށަހަޅުއްވަމުން މައިގަނޑު ގޮތެއްގައި މައްސަލަ ބިނާކުރެއްވީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށެވެ.

އެހެންވެ ރައީސް ޔާމީންގެ ވަކީލް ހަމްޒާ ލަތީފް ދެއްކެވި ވާހަކަފުޅަށް ޖަވާބުދާރީވަމުން އިލެކްޝަންގެ ވަކީލް ވަނީ ރައީސް ޔާމީން ނުދައްކަވާ އޮތް ދަރަންޏެއް އެބައޮތް ކަމަށް ވިދާޅުވެ އެ މައްސަލަ ފެންމަތިކުރައްވާފަ އެވެ. ސާބިތު ދަރަނީގެ ވާހަކަ އިލެކްޝަންސް ކޮމިޝަނުން ތިލަކުރުމާ ގުޅިގެން ޔާމީން ވަކީލް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަނެ ފުރަތަމަ ފޮނުވި ލިޔުމުގައި އެ ވާހަކަ ނެތް ކަމަށެވެ. އެ ވާހަކަ އިލެކްޝަނުން ނެގީ ކެންޑިޑެސީ މައްސަލަ ކޯޓަށް ހުށަހެޅި ފަހުން ކޮމިޝަނުން އީމެއިލް އަކުން ފޮނުވި ދެވަނަ ލިޔުމެއްގައި ކަމަށް ހަމްޒާ ވިދާޅުވި އެވެ.

ސާބިތު ދަރަނީގެ ވާހަކަ އިލެކްޝަންސް ކޮމިޝަނުން ފެންމަތިކުރުމާ ގުޅިގެން ޝަރީއަތުގައި ރައީސް ޔާމީން ވެސް ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ބުނާ ސާބިތު ދަރަންޏަކީ އޭގެ ޒާތުގައި ދަރަންޏެއް ނޫން ކަމަށެވެ. ނަމަވެސް އެއީ އެމަނިކުފާނުގެ މައްޗަށް މިހާރު އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅޭ ބައެއް ކަމަށާއި ޖަލަށް ލުމަށް ހުކުމް ކުރި މުޅި މައްސަލަ އޮތީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ކަމުގައިވެސް ވިދާޅުވި އެވެ. ޖޫރިމަނާއެއް ދައްކަން އޮތް ނަމަ މީރާ އިން އެކަން އަންގާނެ ކަމަށާއި ނަމަވެސް މީރާގެ އެންގުމެއް އަދި ލިބިފައި ނެތް ކަމުގައިވެސް ވިދާޅުވި އެވެ.

ސާބިތު ދަރަނީގެ މައްސަލައިގައި އިލެކްޝަނާއި ރައީސް ޔާމީންގެ ގާނޫނީ ޓީމުން ވާހަކަދެއްކެވުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ސާބިތު ދަރަނީގެ ބައި އިސްތިއުނާފް ކޮށްފައި ނުވާތީ ކޯޓުގައި މިހާރު ކުރިއަށްދާ ކެންޑިޑެސީގެ މައްސަލާގެ ބޭނުމެއް އެބައޮތްތޯ ރައީސް ޔާމީންގެ ގާނޫނީ ޓީމާ ސުވާލު އުފައްދަވާފަ އެވެ.

ޖަވާބުގައި ރަައީސް ޔާމީންގެ ވަކީލުން ވިދާޅުވީ ސާބިތު ދަރަންޏެއް އޮތް ކަމަށް ބުނާ ލިޔުން އިލެކްޝަނުން ފޮނުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ކެންޑިޑެސީގެ މައްސަލަ އިސްތިއުނާފް ކުރި ފަހުން ކަމަށްވާތީ އިސްތިއުނާފް އިސްލާހުކުރުމަށް ފުރުސަތު ދޭން ވާނެ ކަމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން އެކަމާ މެދު އަދި ވަކި ގޮތެއް ނުނިންމަވަ އެވެ.