ޑރ. މުހައްމަދު މުއިއްޒު

މުއިއްޒަކީ "ޕްލޭން ބީ"ގައި އޮތް ކެންޑިޑޭޓެއް ނޫން: ޕީޕީއެމް

އިދިކޮޅު ޕީޕީއެމްއާ އެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް -- ޑރ. މުހައްމަދު މުއިއްޒު އަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ނޫން ކަމަށް ޕީޕީއެމް އިން މިއަދު ބުނެފި އެވެ.

ޕީޕީއެމް އިން މިހެން ބުނެފައި މިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ކުރިމަތި ނުލެއްވޭ ހާލަތެއްގައި ޕީޕީއެމްގެ ކެންޑިޑޭޓަކަށް މުއިއްޒު ހެދުމަށް ޕީޕީއެމްއާއި ޕީއެންސީގެ ލީޑަޝިޕުން މިއަދު އެއްބަސްވެފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފެތުރި ހަބަރަކާ ގުޅިގެންނެވެ.

ޕީޕީއެމް އިން އަބަދުވެސް ބުނަމުން ގެންދަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ގަބޫލުކޮށްފައި ނުވާތީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އެމަނިކުފާނު ވަނީ އިސްތިއުނާފް ކުރައްވާފަ އެވެ. އިސްތިއުނާފް އަޑުއެހުންތައް ރޭ ނިންމާލާފައިވާއިރު ޕީޕީއެމް އިން މިހާރު އިންތިޒާރު ކުރަނީ ސުޕްރީމް ކޯޓުން އިއްވާނެ ހުކުމަކަށެވެ.

ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި ވަނީ އެމަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި ޕީޕީއެމްގެ ކެންޑިޑޭޓަކު ނެރުމަށް އިތުރު ފުރުސަތު ދިނުމަށްވެސް ވެސް އެދިފަ އެވެ. އޭގެފަހުން ޕީޕީއެމްގެ އިސްވެރިން ރެއިން ފެށިގެން ގެންދަވަނީ ޕީޕީއެމްގެ ޕްލޭން އޭ އަކީ ރައީސް ޔާމީން އަދި ޕްލޭން ބީ އަކީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރުން ކަމަށް ވިދާޅުވަމުންނެވެ. ޕީއެންސީގެ ކެންޑިޑޭޓެއް ޕީޕީއެމް އިން ތާއީދުކޮށްގެން ނެރުމަކީ ޕްލޭން ސީ ކަމަށްވެސް ޕީޕީއެމްގެ އިސްވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.

ޕީއެންސީ އިން މިދިޔަ ބުރާސްފަތި ދުވަހު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާ އެ ޕާޓީން ކެންޑިޑޭޓެެއް ނެރެން ނިންމީ ޕީއެންސީން ބުނާ ގޮތުގައި ރައީސް ޔާމީން ވެސް ކުރިން އެގޮތަށް އެދިވަޑައިގެންފައިވާތީ އެވެ. ނަމަވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ އެންމެ ފަހު ހާލަތުގައި ބޭނުންކުރާނެ ކެންޑިޑޭޓް ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން މިހާރު ވިދާޅުވަމުން ގެންދަވާތީ ޕީޕީއެމް އާއީ ޕީއެންސީގެ ތެރޭގައި މިހާރު ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވެސް އުފެދިފަ އެވެ.

ހިޔާލުތަފާތުވުންތައް ބޮޑުވެފައި ވަނިކޮށް ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕީޕީއެމްގެ ޕްލޭން ބީ އެއް ވުޖޫދުކޮށް ޕީއެންސީއިން ނެރޭ ކެންޑިޑޭޓަކީ ޕީޕީއެމްގެ ކެންޑިޑޭޓް ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުން ގެންދަނީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ.

"ޒިންމާދާރު ނޫސްވެރިކަން ކުރައްވާއިރު ކަމުގެ ހަގީގީ މާއުލޫމާތު ހޯއްދެވުމަށްފަހު ނޫން ގޮތަކަށް ނޫސްތަކުގައި ނުލިޔުއްވުމަށް ގޮވާލަމެވެ. ޕީޕީއެމްގެ ފަރާތުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އެންޑޯޒް ކުރަން ނިންމައި ޕީޕީއެމްގެ ޕްލޭން ބީއެއްގެ ގޮތުގައި ވުޖޫދުކޮށްފައި ނުވާނެ ވާހަކަ ދެންނެވީމެވެ. ޕީޕީއެމުން ޕްލޭން ބީ ނުވަތަ ސީ އަކާ މެދު ވިސްނާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވާދަނުކުރެއްވޭނެ ހާލަތެއް މެދުވެރިވުމުން އެކަންޏެވެ." ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

ޕީޕީއެމްގެ މިބަޔާނުގައި މިއަދުވެސް ބުނެފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. އަދި ޕީޕީއެމް އިން ވަކާލާތު ކުރަމުންދަނީ ރައީސް ޔާމީނަށް ފުރުސަތު ގެއްލޭނަމަ، ޕީޕީއެމް އަށް ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު ލިބިދެވޭ ގޮތަށް ކަމުގައިވެސް ބުނެފައިވެ އެވެ.