ޕީޕީއެމް

އިންތިހާބު ބޮއިކޮޓްކުރަން ބޭއްވި ބައްދަލުވުން ހޫނުވެއްޖެ

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ސެނެޓްގައި ވޯޓަށް އަހަން އުޅުމުން އެ ބައްދަލުވުން ވަރަށް ބޮޑަށް ހޫނުވެއްޖެ އެވެ.

އިންތިހާބު ބޮއިކޮޓް ކުރަން ސެނެޓްގައި ވޯޓަށް އެހުމަށް ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ އެކު އިންތިހާބު ބޮއިކޮޓް ކުރުމަށް ޕީޕީއެމްއާއި ޕީއެންސީގެ ސެނެޓަށް ޔާމީން އެންގެވުމާ ގުޅިގެންނެވެ.

އިންތިހާބު ބޮއިކޮޓް ކުރުމަށް ރިޔާސަތުން ވޯޓަށް އެހުމާ އެކު އެވަގުތު ސެނެޓް ބައްދަލުވުމުގައި ތިބި ބައެއް މެންބަރުން ވަނީ ބޮއިކޮޓް ކުރުމަށް ވޯޓަށް ނޭހޭނެ ކަމަށް ބުނެ އެތަނުގައި އަޑުގަދަކޮށްފަ އެވެ. އަދި ހަމަ އެވަގުތު އެތަނަށް ބަޔަކު ވަދެ ވަނީ ހަމަނުޖެހުންތަކެއް ހިންގާފަ އެެވެ.

ޕީޕީއެމް އޮފީސް ތެރޭގައި ހަމަނުޖެހުމެއް ހިންގާފައިވާތީ އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުންވެސް ބުނެފައިވެ އެވެ. އަދި ހަމަނުޖެހުން ހިންގި މީހުން ޕީޕީއެމް އޮފީސް ތެރެއިން މިހާރު ވަނީ ނެރެފަ އެވެ.

ސެނެޓްގައި ބައެއް މެންބަރުން ހަޅޭއްލެވުމާ ގުޅިގެން ބައްދަލުވުންވެސް މިވަގުތަށް ވަނީ މެދުކަނޑާލާފަ އެވެ. މިއަދު މެންދުރުފަހު 1:30 ގައި ފެށި ބައްދަލުވުން މެދުކަނޑާލުމުގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ ހުކުމާ އެކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ފާސްކޮށްފަ އެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމީ މައިގަނޑު ދެ ސަބަބަކާ ގުޅިގެންނެވެ. އެއީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އާއި ސާބިތު ދަރަންޏެއް ނުދައްކާ އޮތް ކަމަށް ސާބިތު ވާތީ އެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމާ އެކު ފަސް މިލިއަން ޑޮލަރު ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް ހުކުމްކޮށްފައިވެ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ކުށުގެ އަދަބާ އެކު އިއްވާފައިވާ ޖޫރިމަނާ ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތުގައި ފައިސާ ނުދައްކާ އޮތުމުން އެއީ ސާބިތު ދަރަންޏެއް ނުދައްކާ އޮތުން ކަމަށް މާނަކުރެވޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެންގެވިއިރު ޕީޕީއެމްއާ އެކު ކޯލިޝަން ހަދައިގެން އެކުގައި މަސައްކަތް ކުރާ ޕީއެންސީ އިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ހާލަތުގައި ޕީއެންސީ އިން އިންތިހާބުގައި ވާދަކުރުމަށް ނިންމާ ޕީއެންސީގެ ރިޔާސީ ޓިކެޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ދީފަ އެވެ. ނަމަވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ "ޕްލޭން ސީ" ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން މިހާރު ވިދާޅުވަމުން ގެންދަވާތީ ޕީޕީއެމް އާއީ ޕީއެންސީގެ ތެރޭގައި މިހާރު ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވެސް އުފެދިފަ އެވެ.

ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ޕްލޭން އޭ އަކީ ރައީސް ޔާމީން އެވެ. ރައީސް ޔާމީނަށް ކުރިމަތިނުލެވޭނަމަ ޕްލޭން ބީ އަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއް ކަމަށްވެސް ޕީޕީއެމްގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.