ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫނުގެ ތާއީދު ފާރިސްއަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދުކުރައްވާނީ ދަރިކަލުން އަހުމަދު ފާރިސް މައުމޫނަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް -- އެމްއާރްއެމްގެ ރިޔާސީ ޓިކެޓް ކަށަވަރުކޮށްފައިވާ އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.

"ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަޙުމަދު ފާރިސް މައުމޫން ވާދަކުރުމަށް ތާއީދުކޮށް އަޅުގަނޑާއި ނަސްރީނާ ވާނީ ތާއީދު ފޯމުގައި ސޮއި ކޮށްފަ،" މައުމޫން ވިދާޅުވި އެވެ.

ފާރިސް މައުމޫންގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ޑރ. އަބްދުއްސައްތާރު ޔޫސުފް އެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން 1،500 މީހުންގެ ސޮއި ހޯދަންޖެހޭއިރު ފާރިސް ވަނީ އެ އަދަދަށް ސޮއި ހަމަކުރައްވާފަ އެވެ.

ފާރިސް، އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ނިންމެވީ އޭނާ ނިސްބަތްވާ ޕާޓީ -- އެމްއާރްއެމްގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ނެތް ކަމަށް ބުނެ އެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ އެކަމުގެ ތެރެއިން ދިމާވެދާނެ ގާނޫނީ މައްސަލައެއްގައި އޭނާގެ ކެންޑިޑެސީ ތާށިވިޔަ ނުދިނުމަށް ކަމަށް ބެލެވެ އެވެ.