ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބަޔަކަށް އަނިޔާތަކެއް ލިބުނު ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ދަރިކަލުން އަދި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ފާރިސް މައުމޫން މައާފަށް އެދިވަޑައިގެންފި އެވެ.
ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި ފާރިސް ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި ބަޔަކަށް އަނިޔާތަކެއް ލިބުނު ކަމަށާއި އެ ހިތާމައިގައި އަދިވެސް ބަޔަކު ތިބި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ރައީސް މައުމޫން ވެރިކަން ކުރެއްވި ދުވަސްވަރު ރައްޔިތުންގެ ތެރެއިން ބަޔަކަށް އަނިޔާތަކެއް ލިބި އަދި ހިތާމަތަކެއް މެދުވެރިވި ކަމަކީ ހަގީގަތެއް. އަޅުގަނޑު ގަބޫލުކުރާ ކަމެއް. އަދި މި ހިތާމައިގައި ބަޔަކު ދެމިތިބި ކަމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް. އެއީ އަޅުގަނޑު ދޮގުކުރާ ކަމެއް ނޫން. އަޅުގަނޑު މިކަމަށްޓަކައި ތިޔަބޭފުޅުން އަރިހުން ނިހާޔަތަށް މައާފަށް އެދެން،" ފާރިސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ އޭނާ ވަރަށްފަހުން ދެކި ވާހަކައެއްގެ ސަބަބުން މި ހިތާމަ އިތުރުވެގެން ދިޔަ ކަމަށާއި އެކަމަށްވެސް މައާފަށް އެދޭ ކަމަށެވެ.
ފާރިސް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެ މީހުންނަށް ފުރިހަމަ ތަސައްލީއެއް ހޯދައިދިނުމަކީ އަޒުމެއް ކަމަށެވެ.
"އަޅުގަނޑުގެ އަޒުމަކީ، އަޅުގަނޑުގެ ވެރިކަމެއްގައި މި ހުރިހާ ފަރާތްތަކަށް ފުރިހަމަ ތަސައްލީއެއް ހޯދައިދިނުން،" ފާރިސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ އޭނާގެ ބެލުމުގެ ދަށުން ހިނގާ ސަރުކާރެއްގައި މިފަދަ އެއްވެސް ކަމެއް "އެންމެ ކުޑަމިނަކަށްވެސް، މިންވަރަކަށްވެސް" ނުހިނގާކަން ކަށަވަރުކުރުމަކީ އަމިއްލަ ޒިންމާއެއް ކަމަށް ހައްދަވާނެ ކަމަށެވެ،