ދުނިޔެ

ހުޅަނގުގެ ދަތިކުރުންތަކުން ރަޝިއާއަށް ވުރެ ބޮޑު ގެއްލުން ހުޅަނގަށް

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތުމާ ގުޅިގެން ހުޅަނގަށް ކުރަން އެނގުނު އެންމެ މޮޅު ކަމަކީ އިގުތިސާދީ ގޮތުން -- އަދި ދުނިޔެވީ ހުރިހާ ގޮތަކުން ރަޝިއާއަށް ދަތިކުރުމެވެ. އެ ބައިގަނޑުގެ ބޭނުމަކީ އެ މީހުން ކުރިމަތީގައި ރަޝިއާ ކުޑަކަކޫ ޖައްސުވައި އާދޭސްކުރުވުމެވެ.

ނަމަވެސް، ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރު ގުންނާ ބެކް ވިދާޅުވި ގޮތުގއި، ހުޅަނގުން އެޅި ފިޔަވަޅުތަކުން އެ މީހުން އުއްމީދު ކުރި ވަރުގެ ނަތީޖާ ހާސިލެއް ނުކުރެވުނެވެ.

ގުންނާ ބެކް ވިދާޅުވި ގޮތުގައި ރަޝިއާއަށް ދަތިކުރަން ހުޅަނގުން އެޅި ފިޔަވަޅުތަކުން ތަދުމަޑުކަން ތަޖުރިބާކުރަން ޖެހުނީ ހަމަ އެބައިޑަނޑަށެވެ.

އޭނާ އަދި ވިދާޅުވީ ހުޅަނގުން ވިސްނާ ނުލައި އެޅީ ފިޔަވަޅުތަކުގެ ސަބަބުން، ސީދާ ގޮތުން އަދި ނުސީދާ ގޮތުން ކޮންމެވެސް ބާވަތެއްގެ ދަތިކަމެއް ތަޖުރިބާކުރަން ނުޖެހޭ ވިޔަފާރި ކުންފުންޏެއް ހުޅަނގުގައި ނެތް ކަމަށެވެ.

އިގުތިސާދީ ގޮތުން ގާބިލު ގައުމަކުން ބަލިކަށި ގައުމަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން، އެކަން ކުރި ގައުމަކަށް ބޮޑެތި ގެއްލުންތައް ލިބޭއިރު، ރަޝިއާ ކަހަލަ މޮޅަށް ކުޅެން ދަންނަ ގައުމަކާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ މޮޔަކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިއާއާ ދެކޮޅަށް ހުޅަނގުން އެޅި ފިޔަވަޅުތަކުން 109.9 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ޔޫރަޕްގެ ކުންފުނިތަކަށް ތަހަންމަލުކުރަން ޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާއަށް ދަތިކުރިއިރު ހުޅަނގަށް ލިބިދާނެ ގެއްލުމަކާ މެދު އެ ގައުމުތަކުން ނުވިސްނީ ކީއްވެބާއޭ ހިތަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މީހުންގެ ދަހިވެތިކަމާއި ގޮތް ދޫކުރަން ބޭނުން ނުވުމުގެ ސަބަބުން އެ ތަދަށް ކެތްކުރަނީ ކަމަށް ވެދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާ ކަހަލަ ގައުމަކާ ދެކޮޅަށް ކަމެއް ކުރަން ވާނީ ރަނގަޅަށް ވިސްނާފައި ދުރާލާ ރާވައިގެން ކަމަށްވެސް މެމްބަރު ވިދާޅުވި އެވެ. ހަމަ ތިބެފައި ކުރާ ކަމަކުން ވެއްޓޭ ވަޅުގަނޑުން އަރައިވެސް ނުގަނެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާ ސިފައިން ފެބްރުއަރީ 24، 2022 ގައި ޔުކްރޭނަށް އަރައިގަނެ ހަމަލާދޭން ފެށިތަނުން ހުޅަނގުން ވެސް ރަޝިއާއާ ދެކޮޅަށް ހަމަލާތައް ފެށި އެވެ. އެކަމަކު އެ މީހުންގެ ހަމަލާތައް އަމާޒުކުރީ ރަޝިއާގެ އިގުތިސާދަށެވެ.

ހުޅަނގުގެ ބޭންކްތަކުގައި ހުރި ރަޝިއާގެ ފައިސާ ހިފެހެއްޓުމާއި ދުނިޔޭގެ މާލީ ނިޒާމުން -- ސްވިފްޓުން ރަޝިއާ ބޭރުކުރުން ފަދަ އިގުތިސާދީ ބޮޑެތި ހުރަސްތައް ހުޅަނގުން ރަޝިއާއަށް މެދުވެރި ކުރުވި އެވެ.