ހަބަރު

ކޯޓަށް ހާޒިރުކުރަން އަލްހާން ހައްޔަރުކޮށްފި

ސިވިލް ކޯޓުގެ އަމުރަކަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ހައްޔަރުކޮށްފި އެވެ. އަލްހާން ހައްޔަރުކުރީ ސިވިލް ކޯޓުގައި ކުރިއަށްދާ މައްސަލައަކަށް ހާޒިރުކުރުމުގެ ގޮތުންނެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަލްހާން މިއަދުގެ ވަގުތެއްގައި ހައްޔަރުކުރީ، ސިވިލް ކޯޓުން އޭނާ ހައްޔަރުކޮށް، ކޯޓަށް ހާޒިރުކޮށްދިނުމަށް ސިވިލް ކޯޓުން އެދުމުން ކަމަށެވެ. މާދަމާގެ ވަގުތެއްގައި އެ މައްސަލަ ސިވިލް ކޯޓުގައި އެޖެންޑާކޮށްފައިވާ ކަމަށްވެ އެވެ.

އަލްހާން މިއަދު ހައްޔަރުކޮށްފައިވާއިރު އެމްޑީޕީއިން ވެސް ވަނީ އަލްހާންއަށް ފިޔަވަޅު އަޅާފަ އެވެ. އެ ޕާޓީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ދޮޅު އަހަރު ވަންދެން ވާދަނުކުރެއްވޭ ގޮތަށް އަލްހާން ވަނީ މިދިޔަ މަހު ސަސްޕެންޑްކޮށްފަ އެވެ.