ހަބަރު

އަލްހާން ހައްޔަރުކުރީ އެސްޓީއޯއަށް ފައިސާ ނުދައްކާ މައްސަލާގައި

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ މިއަދު ހައްޔަރުކުރީ އެސްޓީއޯއިން ސިވިލް ކޯޓަށް ވައްދާފައިވާ ފައިސާ ހޯދުމުގެ މައްސަލައަށް ކަމަށް މައުލޫމާތު ލިބިއްޖެ އެވެ. އެސްޓީއޯއިން މި މައްސަލަ ސިވިލް ކޯޓަށް ވެއްދީ 2012 ވަނަ އަހަރު އެވެ.

އަލްހާން ހިއްސާވާ ސިލްވާ ލޭން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދަރަންޏަށް ދޫކުރި މުދަލަށް ދައްކަން ޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ސިވިލް ކޯޓަށް އެސްޓީއޯއިން ވެއްދި މައްސަލާގެ އަޑުއެހުން މާދަމާ 13:30 އަށް ސިވިލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.

ކޯޓަށް ހާޒިރުކުރުމަށް ކޯޓުގެ އަމުރަކަށް އަލްހާން ހައްޔަރުކޮށްފައިވާއިރު މި މައްސަލާގައި އަލްހާންގެ އިތުރުން އެ ކުންފުނީގެ ހިއްސާ އޮންނަ ސ.ފޭދޫ، ހިރުދުމާގެ މުހައްމަދު ސައީދަށް ވެސް ވަނީ ދައުވާކޮށްފަ އެވެ.

އެސްޓީއޯ އިން އެ ކުންފުނިން ދަރަންޏަށް ނަގާފައި ވަނީ ކޮންސްޓްރަކްޝަން ސާމާނުތަކެކެވެ. އަލްހާންގެ ކުންފުންޏަށް އެސްޓީއޯއިން ދޫކޮށްފައި ވަނީ ގާތްގަނޑަކަށް 3.9 މިލިއަން ރުފިޔާގެ ތަކެއްޗެވެ. އެކި ފަހަރު މަތިން އެންގުމުން ވެސް އެ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 837،000ރ. އާ އެކު ޖުމްލަ 4.9 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަލްހާން މިއަދުގެ ވަގުތެއްގައި ހައްޔަރުކުރީ، ސިވިލް ކޯޓުން އޭނާ ހައްޔަރުކޮށް، ކޯޓަށް ހާޒިރުކޮށްދިނުމަށް ސިވިލް ކޯޓުން އެދުމުން ކަމަށެވެ.

އަލްހާން މިއަދު ހައްޔަރުކޮށްފައިވާއިރު އެމްޑީޕީއިން ވެސް ވަނީ އަލްހާންއަށް ފިޔަވަޅު އަޅާފަ އެވެ. އެ ޕާޓީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ދޮޅު އަހަރު ވަންދެން ވާދަނުކުރެއްވޭ ގޮތަށް އަލްހާން ވަނީ މިދިޔަ މަހު ސަސްޕެންޑްކޮށްފަ އެވެ.