ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ހޮވަން އިދިކޮޅުން އެއްގަލަކަށް އަރައިފި

ޕީޕީއެމް ޕީއެންސީ -- ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަޝިޕްގައި ހިމެނޭ ބޭފުޅުންގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް އެއްގޮތްކޮށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ، މުހައްމަދު މުއިއްޒަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ހުރިހާ ބޭފުޅުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ އެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދުނީ އެ ކޯލިޝަނުން ކުރިން ރިޔާސީ ޓިކެޓް ހަވާލުކުރި އެ ކޯލިޝަންގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ވުމުން އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އަންގަވާފައި ވަނިކޮށް މުއިއްޒު ރިޔާސީ ރޭހަށް ނެރުމަށް އެ ކޯލިޝަންގެ އިސް ބޭފުޅުންގެ އަގުލަބިއްޔަތުން ނިންމުމާ ގުޅިގެންނެވެ. ނަމަވެސް ކޯލިޝަންގެ އިސް ބޭފުޅުންނާއި ރައީސް ޔަމީނާ މަޝްވަރާކުރައްވައިގެން އިންތިހާބު ބޮއިކޮޓް ނުކުރަން ފަހުން އެއްބަސްވި އެވެ. އެކަމަކު އޭގެފަހުންވެސް ލީޑަޝިޕްގެ ބައެއް ބޭފުޅުން މުއިއްޒުގެ ކެމްޕޭންގައި ބައިވެރިވުމަށް ދެކޮޅު ހައްދަވަމުން ގެންދިއުމާ ގުޅިގެން މިއަދާ ހަމައަށްވެސް އެބޭފުޅުންގެ މެދުގައި ބޮޑެތި މައްސަލަތަކެއް ހުއްޓެވެ.

ހިޔާލުތައް އެއްގޮތްކޮށް ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން މިރޭ ވަނީ މުއިއްޒުއާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވާ މުއިއްޒުގެ ފަހަތްޕުޅުގައި އެ ބޭފުޅުން ތިއްބެވި ކަމަށް ޔަގީންކޮށްދެެއްވާފަ އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވީ ލީޑަޝިޕްގެ ހުރިހާ ބޭފުޅުންވެސް ތިއްބެވީ ބަދަހިކޮށް ކަމަށެވެ. އަދި އެހުރިހާ ބޭފުޅުންގެ މަސައްކަތުން މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތާ ތިބުމުން އެކަނިވެސް ފުދޭނެ ހިޔާލުތަފާތުވުމެއް ނެތް ކަން އެނގެން،" އެބޭފުޅުންގެ މެދުގައި މައްސަލަތަކެއް ނެތް ކަން ޔަގީންކޮށްދެއްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އިންތިހާބުގައި ވާދަކުރަނީ ރައީސް ޔާމީންގެ ވިސްނުމާ ދެކޮޅަށް ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނާ ދެކޮޅު ބޭފުޅުން ސެނެޓްގައި ނެތް ކަމަށެވެ. އިންތިހާބުގައި ވާދަކުރަން ވަކާލާތު ކުރައްވާ ބޭފުޅުން އެގޮތަށް އެ ވާހަކަދައްކަވަނީވެސް ރައީސް ޔާމީނަށް ހެޔޮއެދިވަޑައިގެން ޔާމީންގެ ހައްގުގައި ކަމަށްވެސް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ހިޔާލުތަފާތުވުންތަކާ އެކު މައްސަލަތައް ހައްލުކުރަމުންދާތީ ޕްރޮގްރެސިވް ކޯލިޝަންގެ ތެރޭގައި ޑިމޮކްރަސީގެ އުސޫލުތައް އޮތް މިންވަރު ހާމަވާ ކަމަށެވެ.

"ރައީސް ޔާމީން ހޯއްދެވި ޕްލްނޭ އޭ އާއި ބީ އަށް ފަހު ޕްލޭން ސީގައިވެސް އަޅުގަނޑުމެން ކުރިއަށްދާތީ ހައްލުތަކެއް އެވަނީ ހޯދިފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ އެބޭފުޅުންނަކީ ރައީސް ޔާމީނަށް ވަފާތެރި ބޭފުޅުން ކަމަށެވެ. އެކަމުގައި ރައީސް ޔާމީން ޝައްކު ނުކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރިޔާސީ ޓިކެޓް ކަށަވަރުވުމާ އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ގުޅުއްވާ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ދަންނަވާފައި ވާނެ ކަމުގައިވެސް މުއިއްޒު މިރޭ ވިދާޅުވި އެވެ. އަދި އޭނާއަށް ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ޓިކެޓް މިވަގުތު ލިބިފައިވީ ނަމަވެސް އެ ޓިކެޓްގެ ހައްގުވެރި ބޭފުޅަކީ ރައީސް ޔާމީން ކަމަށް އަބަދުވެސް ގަބޫލުކުރައްވާ ކަމަށެވެ.