ދައުލަތުގެ ބަޖެޓް

ބަޖެޓް ސަޕޯޓަށް 842 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފި

ދައުލަތުގެ ބަޖެޓް ހަމަޖެއްސުމަށްޓަަކައި ބަޖެޓް ސަޕޯޓަށް އަމިއްލަ ފަރާތަކުން 50 މިލިއަން ޔޫރޯގެ -- 842.8 މިލިއަން ރުފިޔާގެ ލޯނެއް ސަރުކާރުން ނަގައިފި އެވެ.

މިމައުލޫމާތު ހާމަކޮށްފައިވަނީ ފިނޭންސް މިިނިސްޓްރީން އެންމެ ފަހުން އަޕްޑޭޓްކޮށްފައިވާ ބޭރުގެ ދަރަނީގެ ތަފާސްހިސާބުތަކުގައެވެ.

އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ލޯން ނަގާފައިވަނީ ކޮން ފަރާތަކުން ކަމެއް އެނގޭކަށް ނެތެވެ. އަދި ލޯން ދައްކަންޖެހޭ މުއްދަތާއި އިންޓަރެސްޓް ރޭޓްވެސް ހާމަކޮށްފައެއް ނުވެ އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ނަގާފައިވާ ލޯނާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ފިނޭންސް މިނިސްޓްރީގެ ބައެއް އިސް ބޭފުޅުންނަށް ގުޅި ނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 42.8 ބިލިއަން ރުފިޔާ އެވެ. މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ 32.1 ބިލިއަން ރުފިޔާގެ އާމްދަނީގެ 73.3 ޕަސެންޓަކީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 7.7 ޕަސެންޓެވެ. އެހެންކަމުން އަންނަ އަހަރު ހިލޭ އެހީއާ ނުލައި އާމްދަނީގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 29.9 ބިލިޔަން ރުފިޔާ އެވެ. އެހެންކަމުން މިއަހަރުގެ ބަޖެޓަކީ އަށް ބިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ.