ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު އިއުލާނުކޮށްފި އެވެ.
ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުން ރިޔާސީ އިންތިހާބާ ބެހޭ މައި މަރުކަޒު -- ދަރުބާރުގޭގައި މިއަދު ހަވީރު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި މިވަގުތު މާލޭގައި ތިއްބެވި ހުރިހާ ރިޔާސީ ކެންޑިޑޭޓުންވެސްް ބައިވެރިވެވަޑައިގެންނެވި އެވެ.
ކެންޑިޑޭޓުންގެ ނަންބަރު
- ކެންޑިޑޭޓު ނަންބަރު 1 - އުމަރު ނަސީރު
- ކެންޑިޑޭޓު ނަންބަރު 2 - ހަސަން ޒަމީލް
- ކެންޑިޑޭޓު ނަންބަރު 3 - އިބްރާހިމް މުހައްމަދު ސޯލިހު
- ކެންޑިޑޭޓު ނަންބަރު 4 - ޑރ. މުހައްމަދު މުއިއްޒު
- ކެންޑިޑޭޓު ނަންބަރު 5 - ގާސިމް އިބްރާހިމް
- ކެންޑިޑޭޓު ނަންބަރު 6 - އަހުމަދު ފާރިސް މައުމޫނު
- ކެންޑިޑޭޓު ނަންބަރު 7 - އިލްޔާސް ލަބީބު
- ކެންޑިޑޭޓު ނަންބަރު 8 - މުހައްމަދު ނާޒިމް
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ފަސް ސިޔާސީ ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރައްވާއިރު އަމިއްލަ ގޮތުން ތިން ބޭފުޅަކު ވާދަކުރައްވަ އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ވަރަށް ބޮޑަށް ވާދަވެރި އިންތިހާބަކަށް ވެގެން ދާނެ ކަމަށް ބެލެވެ އެވެ. އެއީ މި ފަހަރަކީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބު ކަމުގައިވާތީ އެވެ.
މި އިންތިހާބުގައި ވާދަކުރެއްވުމަށް އެންމެ ފުރަތަމަ ފޯމް ހުށަހެޅުއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެވެ. އެހެންނަމަވެސް ޔާމީނުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި އެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން ސުޕްރީމް ކޯޓުންވެސް ވަނީ ޔާމީނަށް ކާމިޔާބުވާ ގޮތް ނުވެފަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެެވެ.
ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމަށް ކެންޑިޑޭޓުންނަށް މިއަދުން ފެށިގެން އޮތީ ބަރާބަރު އެއްމަސް ދުވަހެވެ.