ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ތަކެތި ނައްތާލަން ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރަލުގެ ތެރެއިން ތަހުގީގު ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާ ނައްތާލަން މިއަދު ހަމަޖައްސާފައި އޮތް ނަމަވެސް ކޯޓު އަމުރު ނުދީގެން އެތަކެތި ނައްތާނުލެވޭ ކަމަށް ފުލުހުން ބުނެފައިވާތީ އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ ތަކެތި ނައްތާލަން ކޯޓު އަމުރެއް ނެރެން ނުޖެހޭނެ ކަމަށް ފުލުހުންނަށް ލިޔުމަކުން އަންގާފައިވާނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ ތަކެތި ނައްތާލަން އަމުރު ނެރެ ދިނުމަށް އެދި ފުލުހުން ހަވާލާދީފައިވާ ގަވާއިދުތަކަށް ބަލާއިރު އެ ތަކެތި ނައްތާލަން ކޯޓު އަމުރެއް ބޭނުންވާނެ ކަމަށް ބެލެވެން ނެތް ކަމަށް އަންގާފައިވާނެ ކަމަށެވެ.