ދިރާގު

ދިރާގު މޮބައިލް ލެޖެންޑްސްގެ ފައިނަލް ހުކުރު ދުވަހު

ދިރާގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓްގެ ގްރޭންޑް ފިނާލޭ ކުރިއަށް އޮތް ހުކުރު ދުވަހު ދިރާގުގެ ހެޑް އޮފީހުގައި ކުރިއަށް ދާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

މި ގްރޭންޑް ފިނާލޭ އިވެންޓެ ކުރިއަށް ދާނީ ފައިނަލް ބުރަށް ދާ ޓީމުތަކުގެ އާއިލާއާއި ރަހުމަތްތެރިންނަށް އެ ތަނުން ލައިވްކޮށް މެޗުތައް ބެލޭނޭ ފަދަ ފޯރިގަދަ އިވެންޓެއްގެ ގޮތުގައެވެ.

ދިރާގު މޯބައިލް ލެޖެންޑްސް ކޮންކުއެސްޓް އަކީ އެއްލައްކަ ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އީ-ސްޕޯޓްސް އިވެންޓެވެ.

މި މުބާރާތުގެ ފުރަތަމަ ހަތް ދުވަހުގެ މެޗުތައް ކުޅެވިގެން ދިޔައީ އޮންލައިންކޮށެވެ. މި މެޗުތައް ވަނީ ދިރާގުގެ ފޭސްބުކް އަދި ޔޫޓިއުބް ޕޭޖުން ލައިވްސްޓްރީމް ވެސް ކޮށްފަ އެވެ.

ފޯރިގަދަ މެޗުތަކަކަށް ފަހު މުބާރާތުގެ ފައިނަލިސްޓުންގެ ގޮތުގައި ކުރިއެރީ ޓީމްު ވިގަނި އަދި ޓީމު ސްލީޕިން ފޮރެސްޓެވެ.

މީގެ އިތުރުން ގްރޭންޑް ފިނާލޭ އިވެންޓުގައި އެއް ދުވަހުގެ ފީފާ ޓޯނަމަންޓަކައި ތަފާތު ވީއާރް ގޭމްތައްވެސް ކުރިއަށް ގެންދިއުމަށް ދިރާގުން ވަނީ ހަމަޖައްސާފަ އެވެ. އަދި ފީފާ ޓޯނަމަންޓުން އެއްވަނަ ލިބޭ ފަރާތަށް އިނާމެއްގެ ގޮތުގައި ޕްލޭސްޓޭޝަން 5 އެއް ލިބިގެންދާނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.

މި ޓޯނަމަންޓްގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް މުބާރާތަށް ރަޖިސްޓާ ކުރެވޭނެ އެވެ. ފީފާ ޓޯނަމަންޓްގައި 35 ކުޅުންތެރިންގެ ލިމިޓެއް އޮތުމުން ވީއެންމެ އަވަހަށް ރަޖިސްޓްރީވުމަށް ދިރާގުން ވަނީ އެދިފަ އެވެ.

ދިރާގުން އަންނަނީ އީ-ސްޕޯޓްސް ތަރައްގީކޮށް ކުރިއެރުވުމަށާއި ބައިނަލްއަގްވާމީ ބޮޑެތި ނަންތަކާ އެކު ހަރުދަނާ ގުޅުމެއް ގާއިމުކޮށް ޕްރޮފެޝަނަލް ގޭމު ކުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.