ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ރައީސް ވަހީދު ޕީޕީއެމް އިން ވަކިވެވަޑައިގެންފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސްގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު މިއަދު ޕީޕީއެމުން ވަކިވެވަޑައިގެންފި އެވެ.

ރައީސް ވަހީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެންނެވި ކަމަށް ހާމަކުރައްވާފަ އެވެ.

ރައީސް ވަހީދު ވިދާޅުވީ މީގެ 10 އަހަރު ކުރިން، ޕީޕީއެމާ ގުޅިވަޑައިގަތީ އެމަނިކުފާނު ވެރިކަމުގައި ހުންނެވި ދުވަސްވަރު ގައުމު ތަރައްގީކުރުމަށް ފެއްޓެވި މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ނިޔަތުގައި ކަމަށެވެ.

އެފަދަ ގިނަ މަސައްކަތްތަކެއް ހާސިލްކުރެވިފައިވާ ކަމަށާއި ނަމަވެސް އަދިވެސް ބައެއް ކަންކަން ނުނިމި ހުރިކަން ފާހަގަކުރައްވާފައިވެ އެވެ.

ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނަށް ލިބިފައިވާ އިލްމާއި ތަޖުރިބާގެ ބޭނުން ހިފައިގެން ރައްޔިތުންނަށް ކަމެއް ކޮށްދިނުމަށްޓަކައި އަމާން، އިހުލާސްތެރި އަދި ތެދުވެރި މާހައުލެއް އޮންނަން ޖެހޭ ކަމަށެވެ.

"އެހެންވެ ޕީޕީއެމުން ވަކިވާން ނިންމެވީ ވަރަށް ފުންކޮށް ވިސްނުމަށްފަހު،" ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ޕީޕީއެމް އިން ވަކިވެވަޑައިގެންފައި މިވަނީ އެ ޕާޓީން ފުރަތަމަ ރިޔާސީ ޓިކެޓް ހަވާލުކުރެވުނު ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭ ގޮތް ނުވުމާ ގުޅިގެން އިދިކޮޅުން ކެންޑިޑޭޓަކު ނެރުމުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދި ކޯޅުންތަކެއް ހިނގި ފަހުންނެވެ.

ރައީސް ޔާމީން ނެތް ހާލަތެއްގައި ޕީޕީއެމްގެ ޓިކެޓް ބޭނުންވި ބައެއް ބޭފުޅުން ވަނީ ކުށުގެ ރެކޯޑްވެސް ސާފުކޮށްފަ އެވެ. މީގެތެރޭގައި ރައީސް ވަހީދުވެސް ހިމެނެ އެބެ.