ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ އިންތިހާބީ އެޖެންޓަކަށް ހަމްދާން

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބީ އެޖެންޓަކަށް ޕީޕީއެމްގެ ރަޖިސްޓްރާގެ މަގާމުގައި ހުންނެވި އަހްމަދު ހަމްދާން ނާސިރު ހަމަޖައްސަވައިފި އެވެ.

ހަމްދާން އަކީ ޕީޕީއެމްގެ ސެނެޓުގައި ވެސް ހިމެނޭ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކުރުމަށް ގޮވާލާ ހަރަކާތްތަކުގައިވެސް އިސްކޮށް އުޅުއްވާ ބޭފުޅެކެވެ.

މުއިއްޒުގެ އިންތިހާބީ އެޖެންޓެއް އިއުލާންކުރައްވާފައި މިވަނީ ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތުގައިވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކު ހުންނާނެ ކަމަށް އެ ޕާޓީގެ އިސް ބޭފުޅުން ރެއިން ފެށިގެން ވިދާޅުވަމުން ގެންދަވަނިކޮށެވެ. ނަމަވެސް މުއިއްޒު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ހަމަޖެއްސީ ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ބެކަޕް ކެންޑިޑޭޓުގެ ގޮތުގައި ކަމަށް ޕީއެންސީއާއި ޕީޕީއެމްގެ އިސް ބޭފުޅުން އެ ދުވަހު ވިދާޅުވެފައިވެ އެވެ.

މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ރިޔާސީ އިންތިހާބަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިންތިހާބީ އެޖެންޓަކަށް ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަސްމީ އިންތިހާބީ އެޖެންޓް ކަމަށް ހަމަޖެއްސީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް އެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ -- އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމުގެ އިންތިހާބީ އެޖެންޓަކަށް ކަނޑައެޅީ އެ ޕާޓީގެ ނައިބް ރައީސް އަހްމަދު އުޝާމް އެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފައިވާ އެ ޕާޓީގެ ރައީސް އަހްމަދު ފާރިސް މައުމޫންގެ އިންތިހާބީ އެޖެންޓަކީ އިސްމާއިލް ޒަބީހް އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ކެމްޕޭން އެޖެންޓަކަށް ހަމަޖައްސާފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ.