ރިޔާސީ އިންތިހާބު 2023

ކޮންމެ ބަޔަކު ކުރިޔަސް ތަރައްގީގެ މަޝްރޫއުތައް ހުއްޓައެއް ނުލާނަން: މުއިއްޒު

ކޮންމެ ސަރުކާރަކުން ކުރި ނަމަވެސް ތަރައްގީގެ މަސައްކަތެއް ކޮށްފައި އޮތް ނަމަ އެކަމެއް ހުއްޓާނުލައި އޭނާގެ ވެރިކަމެއްގައި ކުރިއަށް ގެންދަވާނެ ކަމަށް ޕީޕީއެމް-ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިއަދު ފުރަތަމަ ފަހަރަށް ކެމްޕޭންގައި އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ވަޑައިގަތީ ހދ. އަތޮޅަށެވެ. އެ އަތޮޅު ހަނިމާދޫގައި ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ ހަނިމާދޫ އާއި ބައެއް އެހެން ރަށްރަށުގައިވެސް ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށްދާ ކަމަށެވެ.
އެހެންކަމުން ރަށަކަށް އަންނަން އޮތް އެއްވެސް ތަރައްގީއެއް ހުއްޓައި ނުލާނެ ކަމަށާއި ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމަކީ އެ ފިކުރުގެ ބަޔަކު ކުރާނެކަމެއް ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"ޕީޕީއެމް އަކީ ތަރައްގީގެ ޕާޓީއެއް. އަޅުގަނޑުމެންނަކީ ތަރައްގީގެ ފިކުރު،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަނިމާދޫ ރައްޔިތުން އެންމެ ބޮޑަށް މިހާރު ބޭނުންވަނި ހަނިމާދޫ ހޮސްޕީޓަލް އަވަހަށް ތަރައްގީކުރުމާއި މަސްވެރިން ބާނާ މަސް އެ ރަށަށް ގަނެވޭނެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ. އޭނާ އަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެކަމުގައި ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަންޑުމެންގެ ސަރުކާރެއްގައި މިކަންކަން ހާސިލްކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ތައްޔާރުކުރެއްވި މެނިފެސްޓޯގައިވެސް އެންމެ މުހިއްމު ކަމެއް ދީފައި އޮތީ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކަމަށެވެ. އެހެންކަމުން އޭނާގެ ވެރިކަމުގައި މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީ އަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މުއިއްޒުގެ އަރިހުގައި އޭނާގެ ރަނިން މޭޓް އަދި ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ހުސައިން މުހައްމަދު ލަތީފް އާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ސަލީމް ވެސް ހދ. އަތޮޅަށް ވަޑައިގެންނެވި އެވެ.