ވިޔަފާރި

އަހަރުގެ ފުރަތަމަ މަހު 1.71 ބިލިއަން ރުފިޔާގެ އާމްދަނީ އެއް

Feb 14, 2016
  • ބީޕީޓީގެ ގޮތުގައި 822 މިލިއަން ރުފިޔާ
  • ޖީއެސްޓީގެ ގޮތުގައި 619 މިލިއަން ރުފިޔާ
  • ގްރީން ޓެކްސްގެ ގޮތުގައި ލިބުނީ 44 މިލިއަން ރުފިޔާ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު 1.71 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އިން އާއްމުކޮށްފައިވާ މިދިޔަ މަހުގެ އާމްދަނީ ހިސާބުތައް ދައްކާ ގޮތުން މީރާއަށް މިދިޔަ މަހުގެ އާމްދަނީގެ ގޮތުގައި 1.71 ބިލިއަން ރުފިޔާ ބަލައިގެންފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބަލައިގަތް އާމްދަނީއާ އަޅާބަލާއިރު 11 ޕަސެންޓް އިތުރުވުމެކެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) އިންނެވެ. ބީޕީޓީގެ ގޮތުގައި މިދިޔަ މަހު 822.08 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިދިޔަ މަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީއިންނެވެ. ޖީއެސްޓީގެ ގޮތުގައި 619.93 މިލިއަން ރުފިޔާ ލިބުނެވެ. މީގެ އިތުރުން، ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ 87.68 މިލިއަން ރުފިޔާ ލިބުނެވެ. އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 47.32 މިލިއަން ރުފިޔާ ލިބުނުއިރު، ގްރީން ޓެކްސް ގެ ގޮތުގައި 44 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޑޮލަރުން ބަލައިގަތް އާމްދަނީގެ ތެރޭގައި 55 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.