ދިރާގު

ފޯރިގަދަ އިވެންޓަކާއެކު ދިރާގު އީ-ސްޕޯޓްސް ކޮމްޕެޓިޝަން ނިންމާލައިފި

Aug 13, 2023

ދިރާގުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ އީ-ސްޕޯޓްސް ކޮމްޕެޓިޝަން، ދިރާގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މިއީ ޖުމްލަ 100,000 ރުފިޔާގެ ޕްރައިޒް ޕޫލްއަކާއެކު ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އީ-ސްޕޯޓްސް އިވެންޓެވެ.

މި ޓޯނަމަންޓްގެ ގްރޭންޑް ފިނާލޭ ކުރިއަށް ގެންގޮސްފައިވަނީ ދިރާގު ހެޑް އޮފީހުގައި ސަޕޯޓަރުންނާއި އާންމުންނަށް މެޗުތައް ކުޅޭތަން ލައިވްކޮށް ބަލާލެވޭ ފަދަ ފޯރިގަދަ އިވެންޓެއްގެ ގޮތުގަ އެވެ.

ގްރޭންޑް ފިނާލޭ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވަނީ އީ-ސްޕޯޓްސް ސަގާފަތް ރާއްޖޭގައި ކުރިއެރުމަށް ދިރާގުން ތިބީ ތައްޔާރަށް ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން މި އިވެންޓަކީ އެކުންފުނިން ދިވެހި ގޭމިން ކޮމިއުނިޓީއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ފެށުން ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.

ވަރުގަދަ މެޗުތަކަކަށް ފަހު ދިރާގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓްގެ ޗެމްޕިއަންކަން ޓީމް ސްލީޕިން ފޮރެސްޓްއިން ހޯދާފައިވީއިރު ދެވަނަ ހޯދީ ޓީމް ވިގަނި އެވެ. އަދި މުބާރާތުގެ ތިން ވަނަ ހޯދައިފައިވަނީ ޓީމް އެސް.އެލް.އެފް.އޯ މެކްސިސް އެވެ.

ގްރޭންޑް ފިނާލޭ ކުރިއަށް ދިޔައިރު ދިރާގުން ވަނީ އެއް ދުވަހުގެ ފީފާ ޓޯނަމަންޓެއްގެ އިތުރުން އާންމުންނަށް ހުޅުވާލައިގެން ވީއާރް ކުޅިވަރުތަކާއެކު ގޭމިން ފެސްޓެއް ދިރާގު ހެޑް އޮފީހުގައި ބާއްވާފަ އެވެ. މި ފީފާ ޓޯނަމަންޓްގެ ޗެމްޕިއަންކަން ހޯދާ ޕްލޭސްޓޭޝަން 5 ގެ ގްރޭންޑް އިނާމު ހޯދީ މުހައްމަދު ޒަމީލް ޒިހުނީ އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަންނަނީ އީ-ސްޕޯޓްސް ތަރައްގީކޮށް ކުރިއެރުވުމަށާއި ބައިނަލްއަގްވާމީ ބޮޑެތި ނަންތަކާއެކު ހަރުދަނާ ގުޅުމެއް ގާއިމުކޮށް ޕްރޮފެޝަނަލް ގޭމް ކުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.