މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ގުރުއަތުން ލިބޭ ގޯއްޗާއެކު ރަޖިސްޓްރީވެސް ދެނީ

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން އަންގާރަ ދުވަހު ފެށުމަށްފަހު ދެ ދުވަސް ތެރޭގައި ގުރުއަތުލައި ނިންމާލާނެ ކަމަށާއި ލިބޭ ގޯއްޗާ އެކު ރަޖިސްޓަރީ ވެސް ހަވާލުކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ. އަދި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް މިރޭ ނެރުމަށް ހަމަޖެހިފައިވެ އެވެ. މިލިސްޓްގައި 18،955 މީހުން ހިމެނެ އެވެ.

މާލޭ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ގުރުއަތުގެ ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއް ގައެވެ.

ޕްލޭނިން މިނިސްޓްރީން ގުރުއަތު ނަގާނީ ގޯތި ލިބޭ މީހުންގެ ހާޒިރުގައި ކަމަށާއި ގިނަ ވެގެން ދެ ދުވަސް ތެރޭގައި ގުރުއަތުލައި ނިންމާލާނެ ކަމަށެވެ.

ރައީސް އޮފީހުގައި މިރޭ ނޫސްވެރިންނަށް މިރޭ މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް މިރޭ އާންމުކުރުމަށްފަހު އަންގާރަ ދުވަހު ގުރުއަތު ނަގައި ހަމަ އެ ދުވަހު ރަޖިސްޓްރީ ދޭނެ ކަމަށެވެ. ދެން އަންނަ ސަރުކާރަކަށް އެ ގޯތި އަތުލެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"[ގޯތި ދޫކުރުމަކީ] ދައުލަތުން ނިންމަވާ ކަމެއް. ސަރުކާރު ބަދަލުވިޔަސް އެކަމަށް ބަދަލެއް އަންނާނެހެނެއް ހިއެއް ނުވޭ. އަޅުގަނޑުމެން ދެނީ ރަޖިސްޓްރީއާއެކު އިންކަނޑައަޅާފައި. އޭގައި ގާނޫނާ ހިލާފު ކަމެއް ނޯންނާނެ،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގައި ރައްޔިތުން ދިރިއުޅެން ފަށާއިރު އެތަންތަނުގައި ކޮންމެހެން ގާއިމުވެފައި ހުންނަންޖެހޭ ވަސީލަތްތަކާއި ހިދުމަތްތައް ގާއިމުކުރެވިފައި ހުންނާނެ ކަމަށެވެ. އެގޮތުންް މަގުތަކާއި ހޮސްޕިޓަލްތަކާއި ކަރަންޓާއި ފެން ފަދަ ހިދުމަތްތައް ހުންނާނެ ކަމުގައި ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ގޯތި ދެނީ ރިޔާސީ އިންތިހާބަށް އަމާޒުކޮށްގެން ވޯޓު ހޯދަން ކުރާ ކަމެއްގެ ގޮތުގައި ނޫން ކަމަށެވެ. އެހެންވެ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމެނޭ އެންމެންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މިދައުރު ނޮވެމްބަރު 11 ގައި ނިމުމުގެ ކުރިން ގޯތި ކަނޑާ ގޯތި ހަވާލުކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުންވެސް އަކްރަމް ވިދާޅުވީ އިންތިހާބުގެ ކުރިން ދެވޭނީ ކިތައް ގޯތި ކަމަށް ދަންނަވަން މިވަގުތު ދަތި ކަމަށެވެ. އެކަމަކު ގޯތި ލިބޭ ތަނެއް އަންގާރަ ދުވަަހުގެ ގުރުއަތަށްފަހު އެނގޭނެ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން ކުރިން އިއުލާން ކުރި ގޮތުންނަމަ ހުޅުމާލެއިން ދޫކުރާނީ 1،000 ގޯއްޗެވެ. ގުޅިފަޅުން 2،000 ގޯތި އަދި ގިރާވަރު ފަޅުންވެސް 2،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފަ އެވެ.