ވާދަވެރި ކެންޑިޑޭޓުންނަށް އެމަނިކުފާނު ހުށަހަޅުއްވާފައިވާ ސިޔާސަތުތަކާ ވާދަކޮށްލެވޭ ވަރުގެ ސިޔާސަތުތަކެއް ހުށަހަޅައި ދެވިފައި ނުވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ނ. ވެލިދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ވާދަވެރި ކެންޑިޑޭޓުންގެ ތެރެއިން ބައެއް ބޭފުޅުން ދައްކަވާ ސިޔާސަތުތަކަކީ ސަރުކާރުން މިހާރުވެސް ކުރަމުންދާ ކަންކަން ކަމަށެވެ. އެހެންކަމުން ވާދަކުރެވޭ ސިޔާސަތުތަކެއް ހުށަހެޅުމަށް ރައީސް ވަނީ ވާދަވެރި ކެންޑިޑޭޓުންނަށް ގޮވާލައްވާފަ އެވެ.
ނ. މަަނަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާދަވެރި ކެންޑިޑޭޓުންނަށް ފާޑުވިދާޅުވި ގޮތަށް މިރޭވެސް ރައީސް ވަނީ އެ ބޭފުޅުންނަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ އެއް ކެންޑިޑޭޓަކު ދައްކަވަނީ މުޅިންވެސް ޒާތީ ވާހަކަތަކެއް ކަމަށެވެ. އެހެން ކެންޑިޑޭޓަކު އުޅުއްވަނީ ކަނޑިބަޑި ހިއްޕަވައިގެން ކަމުގައިވެސް ވިދާޅުވި އެވެ. ނަމަވެސް އެއްވެސް ކެންޑިޑޭޓެއްގެ ނަމެއް ރައީސް ވިދާޅުވެފައެއް ނުވެ އެވެ.
"އަނެއް ބޭފުޅަކީ ހެނދުނު ތެދުވާ ގޮތަށް އެއް ސިޔާސަތެއް ހާމަކުރުމަށްފަހު މެންދުރު އަނެއް ގޮތަކަށް ބަދަލުވާ ބޭފުޅެއް. އަދި ރޭގަނޑު އެހެން ގޮތަކަށް ވާހަކައެއް ދައްކަވާނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމްޑީޕީން ސިޔާސަތުތައް އެކުލަވާލީ ރައްޔިތުން ކައިރިއަށް ގޮސް ރައްޔިތުން ބޭނުންވާ ކަންކަން ބަލައިގެން ކަމަށެވެ. އެހެންވެ ރައީސް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތަކާ ވާދަކޮށްލެވޭ އެހެން ސިޔާސަތުތަކެއް ނުދެއްކޭނެ ކަމަށެވެ.
ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ވެލިދޫ ރައްޔިތުން ޕިކްނިކް ދިއުމަށް ރަށެއް ހަދައިދިނުމަށާއި ވެލިދޫގައި ހައުސިން ޔުނިޓްތަކެއް އެޅުމަށާއި ފުލުހުންގެ އާ އިމާރާތެއް އަޅައިދިނުމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ. މީގެއިތުރުން ވެލިދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައިދިނުމަށާއި އާ އިންޖީނުގެއެއް އަޅައިދިނުމަށްވެސް ވައުދުވެވަޑައިގެންނެވި އެވެ.