ހުޅުމާލެ ހާފްވޭހައުސްގައި ގާއިމުކޮށްފައިވާ "ދާލަން" ކްލިނިކް ހުޅުވައިފި އެވެ.
މި ކްލިނިކް އިއްޔެ ހަވީރު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އެވެ.
ދާލަން ކްލިނިކަކީ ހުޅުމާލެ ހާފްވޭހައުސްގައި ގާއިމްކޮށްފައިވާ އަންހެނުންގެ ރިހިބިލިޓޭޝަން ސެންޓަރުގައި ހުރި ކްލިނިކްގައި ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކޮށް، އަންހެނުންނަށް ހާއްސަ ބަލިތަކާއި މި ނޫންވެސް އާ ހިދުމަތްތަކާއެކު ހުޅުވި ކްލިނިކެކެވެ.
މި ކްލިނިކުން ފޯރުކޮށްދޭ ހިދުމަތްތައް ހާއްސަކުރެވިގެން ދާނީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ހުރެގެން އެކަމަށް ފަރުވާ ބޭނުންވާ އަންހެނުންނަށާއި އާއިލާ ރޭވުމުގައި އަންހެނުންނަށް ދިމާވާ ހާއްސަ ހާލަތްތަކަށް އަމާޒުކުރެވިގެން ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށެވެ.
މި ކްލިނިކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި އާންމު ބަލިތަކަށް ފަރުވާ ދިނުމާއި، އަންހެނުންގެ ހާއްސަ ބަލިތަކަށް ފަރުވާ ދިނުމާއި، އެޑިކްޝަނަށް ފަރުވާދިނުމާއި، މައިނަ ޕްރޮސީޖާގެ ހިދުމަތާއި، ސިނގިރޭޓް ބުއިން ހުއްޓުވުމަށް އެހީތެރިވެދޭ ޓޮބޭކޯ ސެސޭޝަން ތެރަޕީ ފަދަ ހިދުމަތްތައް ހިމެނެއެވެ.
މީގެ އިތުރުން ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އާއި ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)ގެ އެހީތެރިކަމާއެކު މި ކްލިނިކުގައި ކުރިއަށްގެންދެވޭ ހިދުމަތްތަކުގެ ތެރޭގައި ދަރިމައިވުމުގެ ސިއްހަތާއި އާއިލާ ރޭވުންފަދަ ކަންކަމަށް މީހުން އަހުލުވެރިކުރުން ފަދަ ޕްރޮގްރާމްތައްވެސް ހިމެނެ އެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ކްލިނިކްގެ ހިދުމަތް ފެށުމާއެކު، މަރުކަޒު ކުރެވިގެން ފަރުވާ ހޯދަން ދަތިތައް ކުރިމަތިވާ ގިނަ ބަޔަކަށް މުޖުތަމައުގައި ތިބެގެން ސިއްހީ އެހީތެރިކަމާއެކު ޒިންމާދާރު އަދި ދުޅަހެޔޮ މީހަކަށް ވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ހިދުމަތް މި ކްލިނިކުން ފޯރުކޮށްދޭއިރު، މާލޭ އޭރިއާގައި ފަސޭހައިން އައުޓްޕޭޝަންޓް ހިދުމަތް އަދި އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވާޗުއަލްކޮށް ހިދުމަތް ލިބޭނެ އިންތިޒާމުވެސް ހަމަޖެހިފައިވެ އެވެ.